ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރި ސިންގަޕޫރުގެ ޝަންގް ހުއާ ކޮންސްޓްރަކްޝަންގެ އަތުން، އެ މަޝްރޫއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދުމަށް މީރާއިން ދައުވާކޮށްފި އެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހަވާލުކުރި ޝަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުނި އަތުން ޖީއެސްޓީ އާއި ޖޫރިމަނާގެ ގޮތުގައި 200 މިލިއަން ހޯދަން މީރާއިން ދައުވާކުރީ އެ ފައިސާ އެ ކުންފުނިން ނުދައްކާ ކަމަށް ބުނެ އެވެ.
ނަމަވެސް އެ މަޝްރޫއުގެ ޖީއެސްޓީގެ ފައިސާއާ ގުޅިގެން ސިވިލް ކޯޓުން މާޗް 2023 ގައި ނިންމާފައިވަނީ ޖީއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ.
ނަމަވެސް މީރާ އިން ކޯޓުގައި ބުނެފައިވަނީ ޖީއެސްޓީގެ ފައިސާ މީރާ އަށް ދައްކަން ޖެހޭނީ ޝަންގް ހުވާ ކޮންސްޓްރަކްޝަނުން ކަމަށާއި އެ ފައިސާ މީރާ އަށް ދެއްކުމަށް ފަހު ދިވެހި ސަރުކާރުގެ އަތުން ފައިސާ އަނބުރާ ހޯދުމުގެ ހައްގު ކުންފުންޏަށް އޮންނާނެ ކަމަށެވެ.
އެހެންވެ، ކޯޓުން ވެސް މިދިޔަ އަންގާރަ ދުވަހު ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެ މައްސަލާގައި ދައުލަތުން ކުރިން ވަނީ ޖީއެސްޓީގެ ފައިސާ އަށް ދިވެހި ސަރުކާރުން ޒިންމާވާން ނުޖެހޭނެ ކަމަށް ބުނެ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!