ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ސްކޫލުގެ ކްލާސް ރޫމެއްގެ ސީލިނގުން ބައެއް ވެއްޓި ކުދިންތަކަކަށް އަނިޔާވެއްޖެއެވެ.
ސްކޫލުގެ ކްލާސް ރޫމެއްގެ ސީލިން މިއަދު ވެއްޓި ކުދިންތަކަކަށް އަނިޔާވި ހާދިސާއާއި ގުޅިގެން މި ނޫހުން ސުވާލު ކުރުމުން ވަށަފަރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާރު ވިދާޅުވީ އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓް މިހާރު އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށެވެ.
ނިޒާރު އިތުރަށް ވިދާޅުވީ އެ މައުލޫމާތު ހޯދުމަށް މިނސްޓްރީއަށް ގުޅުއްވުމަށް އެދޭކަމަށެވެ. ސީލިންގ ވެއްޓުނު ހާދިސާއަކީ މިއަދު ހިނގި ކަމެއްކަން ކަށަވަރު ކޮށްދެއްވުން ފިޔަވައި އިތުރު މައުލޫމާތެއް ނިޒާރު ނުދެއްވައެވެ.
ވަށަފަރު ސްކޫލުގެ ބެލެނިވެރިއަކު މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ، އެ ސްކޫލް ގްރޭޑް 9 ގެ ކުދިން ކިޔެވުމަށް ބޭނުން ކުރަމުން އަންނަ ކްލާސްރޫމް (އޭވީ ރޫމް) ސީލިނގުން ބައެއް ވެއްޓުނު ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ސެޝަން ކުރިއަށް ދިޔަ ވަގުތު ކަމަށެވެ.
އޭނާ ބުނީ ފުރަތަމަ ސީލިނގުން ވެއްޓުނީ އެއްބައި ކަމަށާއި، އެބައި ވެއްޓުމުން އެތަން ސާފު ކުރުމަށް ފަހު އަލުން އެ ކްލާސްރޫމުގައި ކިޔަވައިދެމުން ދަނިކޮށް ބާކީބައި ވެއްޓި ދެ ކުއްޖަކަށް އަނިޔާވީ ކަމަށެވެ.
އަނިޔާވި ދެ ކުދިންނަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އެއް ކުއްޖަކު ދިއްދޫއަށް ގެންގޮސް އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނިގޮތުގައި މި ހާދިސާ ހިނގާފައި މިވަނީ އެ ކްލާސް ރޫމުގެ ސީލިންގެ ހާލަތު ދައްވެ، އެކަން ފާހަގަކުރެވި ދުވަސްތަކެއް ފާއިތުވުމަށް ފަހު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!