ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމަށްޓަކައި ބޭނުންވާ ބިން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.

އެގޮތުން ހޮސްޕިޓަލުގައި އިމާރާތްކުރާ ބިން އާރުޑީސީ އާއި ހަވާލުކުރުމުގެ ގޮތުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 18 މަސްދުވަހެވެ.

Ad
rt

އިހަވަންދޫ ކައުންސިލުގެ އަޙުމަދު ސޮބާހް 'ތިލަދުން' އަށް ވިދާޅުވީ، މި ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢުގެ ތެރޭގައި 30 އެނދާއި އެކަމަޑޭޝަން ބްލޮކެއް އިމާރާތްކުރުން ހިމެނޭކަމަށެވެ.

މިގޮތުން ހޮސްޕިޓަލް އެޅުމަށް އާރުޑީސީއާއި ހަވާލުކުރެވުނު މި ބިމަކީ ރަށުގެ ބިން ހިއްކުމުން، ރަށުގެ މެދުތެރެއަށް ވާނެހެން އޮންނާނެ ބިމެއްކަމުގައިވާތީ، މި އިމާރާތްކުރެވޭ ހޮސްޕިޓަލް އިމާރާތް ކުރެވުމުން ހުންނާނީ ރަށުގެ މެދަށްވާހެން ހުރިހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ދެވޭގޮތަށްކަން ސޮބާހް ފާހަގަކުރެއްވިއެވެ.

ރައީސް ސޮބާހް އިތުރަށް ވިދާޅުވެފައިވަނީ އިހަވަންދޫގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އިމާރާތްކޮށް ރަނގަޅު ސިއްޙީ ނިޒާމެއް ޤާއިމްކުރެވުމަކީ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަމަށެވެ.

މި މަޝްރޫޢުއަށް ހާއްސަ އިސްކަމެއް ދެއްވައި، އަދުގެ ސަރުކާރުން ކުރިއަށް ގެންދާކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ހެލްތް މިނިސްޓްރީ އިން ކޮށްދެއްވާ ކަންކަން ފާހަގަކުރައްވައި ހާއްސަ ޝުކުރެއް އިހަވަންދޫ ކައުންސިލްގެ ރައީސް ވަނީ އަދާކޮށްފައެވެ.