ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމަށްޓަކައި ބޭނުންވާ ބިން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.
އެ ބިން އާރުޑީސީއާއި ހަވާލުކުރުމަށްޓަކައި އިއްޔެ ވަނީ ހަނިމާދޫގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އިސްމާއިލް ޝަރީފްއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިންޖިނޭރ، މުހައްމަދު އަހުމީމްއެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން ކައުންސިލް ރައީސް އަބްދުއްސައްތާރު ހަސަން ސޮއި ކުރެއްވިއިރު ހަނިމާދޫ ސިއްހީ މަރުކަޒު ފަރާތުން ސޮއިކުރެއްވީ ސީނިއާ އެޑްމިނިސްޓްރޭޓަރ އަހުމަދު ޝަމީމްއެވެ.
ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައްދަކަށްވާއިރު، އެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ މި އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުގެ ހުޅަނގަށް އޮތް ހުސްބިމުގައި ހޮސްޕިޓަލް އެޅުމަށް އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ 550 ދުވަހުގެ ތެރޭ މަސައްކަތް ނިންމުމަށެވެ. މި ޕްރޮޖެކްޓް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 104 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!