މޯލްޑިވްސް ނޭޝަނަލް ސާރވިސް (ދިވެހި ވަޠަނީ ޚިދުމަތް) ގެ ތަމްރީނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް ދިފާޢީ ވުޒާރާއިން ހުޅުވާލި ފުރުޞަތުގައި ޖުމްލަ 1244 ޒުވާނުން ކުރިމަތިލާފައިވާކަން އެ ވުޒާރާއިން މިއަދު ބުނެފިއެވެ.

އެ ވުޒާރާއިން ވަނީ މި ތަމްރީނަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ ޕްރޮގްރާމެއްކަން ފާހަގަކޮށްފައެވެ.

Ad
rt

ދިފާޢީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ކުރިމަތިލާފައިވާ ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ސިއްޙީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށްވެސް ތަމްރީން ފުރިހަމަކުރުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މިގޮތުން، މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓް ތަރުތީބު ކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެންނެވެ.

މީގެ އިތުރުން، ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުކޮށް އަނެއް ބުރުގެ ތަމްރީން ފެށޭނެކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ތަމްރީނަށް ކުރިމަތިލާފައިވާ ކޮންމެ ޒުވާނަކަށްވެސް ތަމްރީނުން ޖާގަ ލިބިފައިވާގޮތާ ގުޅޭގޮތުން ދިފާޢީ ވުޒާރާގެ ފަރާތުން މަޢުލޫމާތު ޙިއްސާ ކުރަމުން ގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި، ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކާއި، ފުރަތަމަ ބުރުގެ ރިޒާވް ކެންޑިޑޭޓުންގެ ގޮތުގައި ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް ސިލެކްޝަން ޕްރޮސެސްއާ ގުޅޭ މަޢުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ސިލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ކެންޑިޑޭޓަކަށް އެންމެ ފަސޭހަ ސްޓޭޝަނަކަށް ޙާޟިރުވެ ސިލެކްޝަން ޕްރޮސެސްގެ ކަންކަން ފުރިހަމަކުރުމުގެ ފުރުޞަތު ދެވޭނެކަމަށް ދިފާޢީ ވުޒާރާއިން ފާހަގަކުރެއެވެ.