މެލޭޝިއާގައި ކިޔަވާ ކުދިން ދައްކަންޖެހޭ ޓެކްސް ފައިސާ ހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހަޔަރ އެޑިޔުކޭޝަނުން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދަނީ ފޮނުވަމުންކަމަށެވެ.

Ad
rt

މީގެ އިތުރުން މެލޭޝިއާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީ އެއް ދައްކަން ޖެހޭ ކުދިންގެ އަތުން އަލަށް ނަގަން ހަމަޖެއްސި ޓެކްސް ވެސް ސްކޮލަރޝިޕްގައި ތިބި ދިވެހި ކުދިންގެ އިންވޮއިސްގައި ހިމެނިގެން ލިބުމުން އެ ފައިސާ ގެންދާނީ ދޫކުރަމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

''މި ވުޒާރާއިން ލޯނު ނަގައިގެން މެލޭޝިއާގައި ކިޔަވަމުންދާ އެފަދަ ކުދިންނަށް ވެސް އެ ޓެކްސްގެ ކަންކަން ހަމަޖައްސައިދޭން މިދަނީ މަސައްކަތް ކުރަމުން'' ހަޔަރ އެޑިޔުކޭޝަނުން ބުނެފަވެއެވެ.

މެލޭޝިޔާގައި އަމިއްލަ ކުންފުނިތަކުން ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލު ކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުން %6ގެ ޓެކުހެއް ނެގުމަށް ނިންމައި، އެ ޤައުމުގެ މާލީ ވުޒާރާއިން އެކަން ހާމަކުރީ މިދިޔަ ޖޫން 9ވަނަ ދުވަހުއެވެ.

މެލޭޝިޔާގެ މާލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލު ކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުން %6ގެ ޓެކުހެއް ނެގުމަށް ނިންމާފައި ވަނީ، އެ ޤައުމުގައި މުދަލާއި ޚިދުމަތުން ނަގާ ސޭލްސް އެންޑް ސަރވިސް ޓެކުސް (އެސްއެސްޓީ)އަށް ގެނެސްފައިވާ އައު އިސްލާޙުގެ ދަށުން ކަމުގައެވެ. ޖުލައި 1ވަނަ ދުވަހު އެ އައު އިސްލާޙުތަކަށް އަމަލު ކުރަން ފަށާފައިވާއިރު، މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ އިތުރުން ޕްރީސްކޫލްތަކާއި އެހެނިހެން މަދަރުސާތައް، އަދި ބަސް ދަސްކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލު ކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުން ވެސް އެ ޓެކުސް ދައްކަން ޖެހޭނެއެވެ.