މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުމަކީ "މޮޔަ ކަމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފިއެވެ.

ޓްރަމްޕް މިފަދައިން ވިދާޅުވީ، މަސްކް އައު ސިޔާސީ ޕާޓީއެއް އުފައްދާނެ ކަމަށް އިޢުލާންކުރި ދުވަހުގެ އަނެއް ދުވަހުއެވެ. އެމެރިކާގެ ނިއު ޖާރސީގައި ހުންނަ އޭނާގެ ގޯލްފް ކްލަބަށް ޒިޔާރަތްކުރުމަށްފަހު ވޮޝިންގްޓަނަށް އެނބުރި ދިޔުމަށް އެއަރ ފޯސް ވަން އަށް އަރަމުން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވަނީ މަސްކްގެ ވިޔަފާރީގެ މަސްލަހަތުތަކާ ގުޅިގެން، ކުރިން ނާސާގެ އިސް މަޤާމަށް އޭނާ ޢައްޔަންކުރި ފަރާތަކީ މަސްލަހަތު ފުށުއަރާ ފަރާތެއް ކަމުގައި ވެސް ވިދާޅުވެފައެވެ.

Ad
rt

"ތިންވަނަ ޕާޓީއެއް އުފެއްދުމަކީ މޮޔަ ކަމެއް ކަމަށް އަހަރެން ދެކެން. ރިޕަބްލިކަން ޕާޓީއާއެކު އަހަރެމެންނަށް ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައި. ޑިމޮކްރެޓުން ވަނީ މަގު ގެއްލިފައި، އެކަމަކު މިއީ އަބަދުވެސް ދެ ޕާޓީގެ ނިޒާމެއް. ތިންވަނަ ޕާޓީއެއް އުފެއްދުމަކީ ހަމައެކަނި އޮޅުން އިތުރުވާނެ ކަމެއް ކަމަށް އަހަރެން ދެކެން،" ޓްރަމްޕް ވިދާޅުވިއެވެ.

"މި ނިޒާމު ފަރުމާކުރެވިފައި އޮތީ ދެ ޕާޓީއަށް. ތިންވަނަ ޕާޓީތަކުން މިހާތަނަށް ކާމިޔާބު ވެފައެއް ނުވޭ. އެހެންވީމާ އޭނާއަށް އެކަމުން މަޖާ ލިބިދާނެ، އެކަމަކު އެއީ މޮޔަ ކަމެއް ކަމަށް އަހަރެން ދެކެން." ޓްރަމްޕް އިތުރަށް ވިދާޅުވެފަވެއެވެ.

މަސްކްއާ ބެހޭ ގޮތުން ވާހަކަދެއްކެވުމަށްފަހު، ޓްރަމްޕް ވަނީ އޭނާގެ "ޓްރޫތް ސޯޝަލް" ޕްލެޓްފޯމްގައި އިތުރު ކޮމެންޓްތަކެއް ޕޯސްޓްކޮށްފައެވެ. ޓްރަމްޕް ބަނީ ފާއިތުވި ފަސް ހަފްތާގެ ތެރޭގައި އީލޮން މަސްކް މުޅިން ހަމައިންނެއްޓިފައިވާކަމަށް ޓްރަމްޕް ވަނީ ވިދާޅުފައެވެ.

މަސްކް ވަނީ މި ހޮނިހިރު ދުވަހު "އެމެރިކާ ޕާޓީ" އުފައްދާ ކަމަށް އިޢުލާންކޮށްފައެވެ. މިއީ ޓްރަމްޕްގެ ޓެކްސް ކުޑަކުރުމާއި ޚަރަދު ކުރުމުގެ ބިލަށް ރައްދު ދިނުމުގެ ގޮތުން ކަމަށް މަސްކް ބުނެފައިވެއެވެ. މަސްކް ދެކޭ ގޮތުގައި މި ބިލުގެ ސަބަބުން ޤައުމު ބަނގުރޫޓުވާނެއެވެ.