ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ އިންޓަރނޭޝަނަލް އެއާޕޯޓް ބޭރުބަޔަކަށް ވިއްކާލަންއުޅޭކަމަށް ބުނެފަތުރާ ވާހަކައަކީ ބުހުތާނު ދޮގެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެއް ކަމަށެވެ.
ސަރުކާރުން އުޅެނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ކަމަށް ވިދާޅުވެ، އެ ތުހުމަތުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީން އެފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފަރާތުން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ އިންޑިއާގެ އަދާނީ ގްރޫޕަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ވިއްކުމުގެ މަޝްވަރާ ބައްދަލުވުންތައް ދާދިފަހުން ސިންގަޕޫރުގައި ކުރިއަށްދިޔަ ކަމަށެވެ.
މި ހިނގާ ޖުލައި މަހުގެ އެއް ވަނަ ދުވަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫޢުގެ 88.7 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރ މަހު ނިންމާލެވޭނެ ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއަކީ ރާއްޖޭގައި އަތޮޅުތަކުގައި މިހައިތަނަށް ކުރިއަށްގެންދާ އެންމެ އަގު ބޮޑު މަޝްރޫޢުއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރާނެ އެވެ.
މި މަޝްރޫޢު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.
މި މަޝްރޫޢު ދިވެހި ސަރުކާރުން ހަވާލު ކޮށްފައި ވަނީ، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި ޕްރޮޖެކްޓްތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ 7 އޮކްޓޯބަރ 2024 ގައި ވަނީ ރަސްމީކޮށް އިފްތިތާހްކޮށްފައެވެ. މިހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އޮކްޓޯބަރު މަހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އެމަނިކުފާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!