ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި ގުޅިގެން ސިޓީގެ މަށި ކުޅީގައި ތަރައްޤީކުރާ ވިއުވިންގ ޕްލެޓްފޯމުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ސިޓީ ކައުންސިލުގެ މެންބަރު އަޙުމަދު އަބްދުالله (ރޯޒޭ) ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ މަސައްކަތުގެ ތަރައްޤީއާއި ބެހޭގޮތުން 'ތިލަދުން' އަށް މައުލޫމާތުދީ ރޯޒޭ ވިދާޅުވެފައިވަނީ، މިވަގުތު އެ ސައިޓުގައި ކުރިއަސް ދަނީ ޕްލެޓްފޯމް ހިޔާކުރުމާއި ރެއިލިންގ ޖެހުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން މި މަޝްރޫޢުގެ ތެރެއިން ޔޫ.އެން.ޑީ.ޕީގެ ޖީ.އީ.އެގް ސްމޯލް ގްރާންޓްސް ޕްރޮގްރާމުގެ ފަންޑިންގގެ ދަށުން ޒިގްޒެގުން ވަނީ ޕްލެޓްފޯމްގެ ޑިޒައިން އަދި ބީ.އޯ.ކިއު ހެދުމުގެ އިތުރުން ޕްލެޓްފޯމް ނިންމުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވާކަމަށް ރޯޒޭ ވިދާޅުވިއެވެ. މީގެ ތެރޭގައި ޑަބްލިޔު.ޕީ.ސީ ޑެކިންގ މެޓީރިއަލްސް، ރެއިލިންގްސް އަދި ހިޔާގަނޑުގެ ސްޓްރަކްޗަރއަށް ބޭނުންވާ ތަކެތި ހިމެނޭކަމަށާއި، މި ކަންކަމަށް ގާތްގަނޑަކަށް 1 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ރޯޒޭ ވިދާޅުވެފައިވެއެވެ.
ރޯޒޭ އިތުރަށް ފާހަގަކުރަށްވާފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުންވަނީ މި ޕްލެޓްފޯމުގެ މަސައްކަތް ވޭވްލެންތް ޕްރައިވެޓްް ލިމިޓެޑްއާ ހަވާލުކޮށްފައިވާކަމަށެވެ. އަދި ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ޕްލެޓްފޯމުގެ ކޮންކްރީޓް މަސައްކަތާއި، ޑެކިންގ އަދި ރެއިލިންގ ހަރުކުރުމުގެ މަސައްކަތާއި ހިޔާގަނޑު ހެދުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
މީގެ އިތުރުން ޕްލެޓްފޯމުގެ އެއްގަމުގައި ވޯކްވޭ އަދި ކުޅީގެ ނަންބޯޑު ހެދުމާއި، މުޅި މަޝްރޫޢުގެ ލައިޓިންގގެ މަސައްކަތްތައް ހިމެނޭކަމަށާއި، ކުޅުދުއްފުށި ސިޓީ ކައުންސިލުން މި މަޝްރޫޢުއަށް މުޅި ޖުމްލަ 2.6 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށްވެސް ރޯޒޭ ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުށީ މަށި ކުޅީގައި ތަރައްޤީކުރާ މި ވިއުވިންގ ޕްލެޓްފޯމަކީ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވަމަށާއި ރައްޔިތުން މުނިފޫހި ފިލުވުމުގެ އިތުރު ވަސީލަތެއް ފޯރުކޮށްދިނުމަށް ޤާއިމުކުރެވޭ މުހިންމު އިންވެސްޓްމަންޓެއްކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!