ދުނިޔޭގެ މާލީ ނިޒާމަކީ އެންމެ ނާޒުކު ޤައުމުތައް ބާކީކުރާ ނިޒާމެއްކަމަށް ފާހަގަކުރައްވައި، މި ނިޒާމު އިޞްލާޙުކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ދެއްވި ޕްލެނަރީ ބަޔާނުގައި ނައިބު ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސެވީލް ކޮމިޓްމަންޓަށް ހަރުދަނާ ސިފައެއްގައި ޢަމަލީ ސިފަ ގެނައުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

Ad
rt

ނައިބު ރައީސްގެ ބަޔާނުގައި، 2030 ގެ އެޖެންޑާ ތަންފީޒުކުރުމުގައި ކޮންމެ ޤައުމެއްގެވެސް ޚާއްޞަ ޙާލަތަށް ރިޢާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޤައުމީ ފެންވަރުގައި ޤާބިލުކަން ބިނާކުރުމަށާއި، ދަރަނިން ޙަޤީޤީ ލުއި ލިބޭނެ ގޮތްތައް ހޯދުމަށް ގޮވާލެއްވިއެވެ.

މިހާރު ދުނިޔެއަށް ދިމާވެފައިވާ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން މުދާ އުފައްދައި ދައުރުކުރުމުގެ ވިއުގަތަކަށް ހުރަސް އެޅި، ނުރައްކާތެރިކަން އިތުރުވަމުންދާކަން ފާހަގަކުރައްވައި، މި ދަނޑިވަޅުގައިވެސް ދިވެހި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ބައިނަލްއަޤުވާމީ ބަންކަރިންގ ޚިދުމަތްތައް ޤާއިމުކުރުމާއި، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގެ މަސައްކަތާއި، މަސްވެރިކަމުގެ އެކްސްޕޯޓް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް ސެންޓަރ ފައިނޭންޝަލް ފްރީ ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލް ހުޅުވައި، އެއަރޕޯޓުން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރު ތިން ގުނަ އިތުރުކޮށް، އެއަރޕޯޓްގެ ކެޕޭސިޓީ 7 މިލިއަން ފަސިންޖަރުންނަށް އިތުރުކުރުމަށް ތައްޔާރުވަމުންދެއެވެ. މިއީ 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ކުރިއަރާފައިވާ ޤައުމަކަށް ހެދުމަށާއި، މުޅި ދުނިޔޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ވިލުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ނައިބު ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން މިހާރު ބޮޑެތި ނަހަމަކަން ކުރިމަތިވެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ބޭރުން އަންނަ ލޮޅުންތަކުން އަރައިގަތުމަށާއި ތަރައްޤީގެ އަސާސީ ބޭނުންތައް ފުއްދުމަށް، ސިޑްސްއަށް ދަރަނި ނަގަން މަޖުބޫރުވަނީ، ކޮންސެޝަނަލް ފައިނޭންސް ލިބުމުގެ ޝަރުޠުތައް ހަމަނުވާތީއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ވިލުންތެރި ގޮތެއްގައި ދަރަނީގެ މައްސަލަ ޙައްލުކުރުމަށް ރާއްޖެ ގެންގުޅޭ ސިޔާސަތަށް އަލިއަޅުއްވާލައްވައި، މި ޤައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނިކަން ފާހަގަކުރެއްވިއެވެ.

ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ. އެފް.އެފް.ޑީ.4 ގެ މަޤްޞަދަކީ މާލީ އިޞްލާޙުތަކާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރުމެވެ. މި މަޝްވަރާތަކުގައި ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުއައްސަސާތަކާއި، ވިޔަފާރިތަކާއި، އދ ގެ ނިޒާމާއި މަދަނީ ޖަމުޢިއްޔާތަކުން ބައިވެރިވެއެވެ.