ތިލަމާލޭ ބްރިޖުގެ ޕައިލިންގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި މި މަޝްރޫޢުގެ ދަށުން އެއްގަމާއި ކަނޑުގައި ޖުމްލަ 263 ޕައިލް ވަނީ ޖަހާފައެވެ.
މިނިސްޓަރު މުއްތަލިބް ފާހަގަކުރެއްވި ގޮތުގައި ޕައިލިންގެ މަސައްކަތަކީ މި މަޝްރޫޢުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތެވެ. އަދި މިހާތަނަށް ބްރިޖު މަޝްރޫޢުގެ 60.84 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.
ތިލަމާލެ ބްރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި، 2022 ވަނަ އަހަރުގެ އޮގަސްޓް 2 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލެވޭނެއެވެ.
ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަމުންދާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯމީޓަރު ދިގު ބްރިޖެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ.
މި މަޝްރޫޢު ނިމުމުން މާލެ އާއި ހުޅުމާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، އެ ސަރަހައްދުގެ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!