ހދ.ކުޅުދުއްފުށީ ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތާއި ހަވާލުވި ފަރާތުން، އެ މަސައްކަތް ކުރިއަށް ނުގެންދާތީ އައު ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާ ޕަބްލިސްކް ސާވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ އެ މަސައްކަތް ހުއްޓިފައި ވަނީ، މަސައްކަތާއި ހަވާލުވީ ފަރާތަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީގެން ނޫން ކަމަށާއި، އެރަށުގައި ކޮންޓްރެކްޓަރ ގާއިމުވެ މަސައްކަތް ފެށުމަށް ބޭނުންވާ "މޮބިލައިޒް" ފައިސާ ސަރުކާރުން ކޮންޓްރެކްޓަރަށް ހަމަޖައްސައިދިން ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުގޮސް މުޅިން ހުއްޓިފައިވަނީ، ކޮންޓްރެކްޓަރ އަމަލީ މަސައްކަތް ކުރިއަށް ނުގެންދިއުމުންކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތްއޮތުން ނިމުމަކަށް ގެނެސް އެ މަސައްކަތް އަލުން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ވަޒީރުވަނީ ދެއްވާފައެވެ.
ކުޅުދުއްފުށީގައި ހައުސިން ޔުނިޓް މަޝްރޫއު ފަށާފައި ވަނީ 2023 ވަނަ އަހަރުގެ މެއި މަސް ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި އެޅުމުގެ މަސައްކަތް ފަށާފައި ވަނީ 11 ފަންގިފިލާގެ 12 ޓަވަރެވެ. އެއީ 400 ހައުސިން ޔުނިޓެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކަތާއި ބައެއް ޓަވަރުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ. އޭގެފަހުން މަސައްކަތްތައް ނުނިމި، އޮތީ މުޅިން ހުއްޓިފައެވެ. އެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ.
ކުޅުދުއްފުށީގައި ފެށި 400 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫޢުއަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!