ތިލަދުންމަތޯގެ ރަށްތައް ހިމެނޭހެން 5 އަތޮޅެއްގައި ހަލާލު ޓޫރިޒަމަށް ޚާއްސަ ރަށްތައް ބިޑަށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ހަލާލު ޓޫރިޒަމަށް ހާއްސަކޮށް ހަ ރަށެއް ކަނޑައަޅައި އޭގެތެރެއިން ފަސް ރަށަކަށް، ޝައުގުވެރިވާ ފަރާތްތަކުން ބިޑަށް ކުރިމަތިލާން ހުޅުވާލާފައެވެ. އެެގޮތުން ހއ، ހދ، ށ، ތ އަދި ލ އަތޮޅުގެ ފަސް މަޝްރޫއެއް ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި އެންމެ ކުޑަ ލީޒް އެކުއިޒިޝަން ކޮސްޓެއް ކަނޑައަޅާފައިވަނީ ތ. މާގުޅިއަށެވެ. އެރަށުގެ އެކުއިޒިޝަން ކޮސްޓް އުޅެނީ 189،000 ޑޮލަރު (2.9 މިލިއަން ރުފިޔާ) ގައެވެ. އެންމެ ބޮޑު އަގެއް އިނީ ހދ. މަކުނުދޫ ފަރުގެ 200 ހެކްޓަރަށެވެ. އެތަނުގެ އަގު 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)އަށް އަރައެވެ. އެތަނަކީ 200 ހެކްޓަރުގެ ސަރަހައްދެކެވެ.
ހއ. ބީނާފުށި، ފޮޓޯ: ބްލޫކޮރަލް މޯލްޑިވްސް
ހަލާލު ޓޫރިޒަމަށް ހުޅުވާލި ރަށްތަކާއި އަގު:
- ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު: 392،000 ޑޮލަރު (6 މިލިއަން ރުފިޔާ)
- ހދ. މަކުނުދޫ ފަރު: 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)
- ށ.ފުށިފަރު: 234،000 ޑޮލަރު (3.6 މިލިއަން ރުފިޔާ)
- ތ. މާގުޅި: 189،000 ޑޮލަރު (2.9 މިލިއަން ރުފިޔާ)
- ލ.ފޮނަގާދޫ: 588،000 ޑޮލަރު (9.1 މިލިއަން ރުފިޔާ)
މީގެ އިތުރުން އިތުރުން އައްޑޫ ސިޓީގެ ހަންކެޑެ ވެސް ވަނީ ހަލާލު ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅައިފައެވެ. ނަމަވެސް، އެތަން އަދި ބިޑަށް ހުޅުވައެއް ނުލައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ހަންކެޑެއަށް ބިޑަށް ހުޅުވާލާނީ އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިމުމުން ކަމަށެވެ.
ހަންކެޑެއަށްވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަަމަށް މިނިސްޓްރީން ބުންޏެވެ.
ހަލާލު ޓޫރިޒަމް މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ ޖުލައި 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ އަންނަ ސެޕްޓެމްބަރު 1 އާ ހަމައަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ހަލާލު ޓޫރިޒަމްގެ ރަށްތަކުގައި ރަލާއި އޫރު މަހުގެ މުއާމަލާތްތައް ނުހިންގޭނެ ކަމަށެވެ. އެފަދަ ރަށްރަށުގައި ކެއުން ބުއިމުގައި ބޭނުން ކުރަން ޖެހޭނީ ވެސް ހަލާލު ކާބޯތަކެއްޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!