ސްޕެއިންގެ ސެވިލްގައި ބާއްވާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ސްޕެއިނަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގެ އިފްތިތާހީ ދަންފަޅީގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވަވާނެ އެވެ.

Ad
rt

މި ކޮންފަރެންސްގައި ނައިބު ރައީސް އިސްނަންގަވައިގެން، މަސްލަހަތުވެރިންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށާއި މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރުކުރުމުގެ މައްޗަށް ވެސް މަޝްވަރާކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެ އެވެ.

އެފްއެފްޑީ4 އަކީ، މާލީ އިސްލާހާ މެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް ސަރުކާރުތަކާއި ބައިނަލްއަގުވާމީ އަދި ސަރަހައްދީ ޖަމިއްޔާތަކާއި މާލީ އަދި ވިޔަފާރީގެ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތައް އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު ބައްދަލުވުމެކެވެ. މި ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުން ބޭއްވީ 2015 ވަނަ އަހަރު އިތިއޯޕިއާގެ އަޑިސް އަބަބާގައެވެ.