އިޒްރޭލާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމެއް މިވަގުތު ވެފައި ނުވާ ކަމަށާއި، ނަމަވެސް އިޒްރޭލުން މިއަދު ހެނދުނު 4:00 އަށް ހަމަލާތައް ހުއްޓާލުމާ ގުޅިގެން، އީރާނުން ވެސް އިޒްރޭލަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލާނެ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އަރަޤްޗީ ވިދާޅުވެއްޖެ އެވެ.

އެހެންނަމަވެސް، ރަސްމީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނެތުމާއެކު، މިލިޓަރީ އޮޕަރޭޝަންތައް މުޅިން ހުއްޓާލުމާ މެދު ފަހުގެ ނިންމުމެއް ނިންމާނީ ފަހުން ކަމަށް އަރަޤްޗީ ވިދާޅުވިއެވެ.

Ad
rt

އިޒްރޭލުން އިރާނަށް ދިން ހަމަލާއަށް ފަހު ދެގައުމުގެ މެދުގައި ހިނގަމުންދާ "12 ދުވަހުގެ ހަނގުރާމަ" ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާކަމަށް އިޢުލާން ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. ޓްރަމްޕް "ޓްރޫތް ސޯޝަލް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދެ ގައުމުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތައް ނިންމުމަށްފަހު، 6 ގަޑިއިރު ތެރޭގައި ހަނގުރާމަ މުޅިން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ފުރަތަމަ އީރާނުން 12 ގަޑިއިރަށް ހަނގުރާމަ ހުއްޓާލުމަށްފަހު، ދެން އިޒްރޭލުން 12 ގަޑިއިރަށް ހަނގުރާމަ ހުއްޓާލާނެއެވެ. އަދި މި 24 ގަޑިއިރު ފުރިހަމަވުމުން ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް އަންނާނެއެވެ. ނަމަވެސް، އެންމެ ފަހު މިނެޓާއި ހަމައަށް ވެސް އިޒްރޭލުން އައީ ބާރުގަގަދަ ހަމަލާތައް އިރާންގެ ޓެހްރާން އަށް ދެމުންނެވެ. މިއީ ޖޫން 13 ގައި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާތަކެވެ.

އީރާންގެ ނޫރު ނިއުސް އޭޖެންސީން ބުނާ ގޮތުގައި މިރޭ ޓެހްރާން އަދި ކަރަޖްގައި އިވުނު ގޮވުންތަކަކީ ފާއިތުވި 12 ދުވަހުގެ ތެރޭގައި އިވުނު އެންމެ ބޮޑެތި ގޮވުންތަކެވެ. އިޒްރޭލުން ބުނާ ގޮތުގައި މި ހަމަލާތަކަކީ އީރާންގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްތަކަށް އަމާޒުކޮށް ދިން "ޕްރިއެމްޓިވް" ހަމަލާތަކެކެވެ.

އިޒްރޭލުން ދިން ފުރަތަމަ ހަމަލާގައި އީރާންގެ އެތައް ޖެނެރަލުންނެއް މަރުވެފައިވާއިރު، އީރާނުން ބުނާ ގޮތުގައި މިއީ އދ. ގެ ޗާޓަރާ ޚިލާފަށް ދިން ހަމަލާތަކެކެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އިޒްރޭލަށް ސަތޭކަ އެތައް މިސައިލްތަކެއް ފޮނުވާލާ، އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މިއީ ފަހުގެ ތާރީހެއްގައި ހައްދުފަހަނަ އެޅި ޔަހޫދީންނަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ހާލަތު ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން ބައިނަލްއަޤްވާމީ މުޖުތަމައުގެ ފަރާތުން ފާޅުކުރަމުންދެއެވެ.

ސަބަބަކީ ޔަހޫދީން ނާއި އެމީހުންގެ އެކުވެރިން ބުނާބަހުގައި އިތުބާރު ނެތުމާއި އަހުދަށް ކަމޭނުހިތުމެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފާއިތުވި ހަފްތާގައި އިޒްރޭލާއެކު ހަނގުރާމައިގައި ބައިވެރިވާނެކަމުގެ ނިންމުމެއް ދެ ހަފްތާގެ ތެރޭގައި ނިންމާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން އީރާނަށް ހަމަލާ ދީފައިވެއެވެ. ހޮނިހިރު ދުވަހު ޓްރަމްޕް ވަނީ އީރާންގެ ތިން ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާ ދިނުމަށް ހުއްދަ ދީފައެވެ.

އިޒްރޭލާއި އީރާނުން ހަނގުރާމަ ހުއްޓާލަން އެއްބަސް ވެއްޖެ: ޓްރަމްޕް

މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ޤަތަރުގައި ހުންނަ އަލް އުދައިދް އެއަރ ބޭސްއަށް މިސައިލް ހަމަލާއެއް ދީފައެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ "ބަލިކަށި" ރައްދެއް ކަމަށާއި، އެމެރިކާއިން މިއަށް ޖަވާބު ނުދޭނެ ކަމަށެވެ.