ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ޑިޖިޓަލް ކެމެރާ ނުވަތަ ޓެލެސްކޯޕް ބޭނުންކޮށްގެން ނެގި ފުރަތަމަ ފޮޓޯތައް ނެޝަނަލް ސައިންސް ފައުންޑޭޝަނުން އާންމުކޮށްފިއެވެ.
ޗިލީގައި ޤާއިމުކުރެވިފައިވާ ވެރާ ސީ ރޫބިން އޮބްޒަވޭޓަރީން އާންމު ކުރި، މި ފޮޓޯތަކުގައި ބިމާ 9،000 އަހަރުގެ ދުރުމިނުގައިވާ، ގެލެކްސީތަކާއި ތަރިތައް އުފެދެމުންދާ ސަރަހައްދެއްގެ ރީތި ކުލަތަކުން ފުރިގެންވާ ގޭހާއި ދުންތަކުގެ މަންޒަރުތައް ހިމެނެއެވެ.

މި އޮބްޒަވޭޓަރީގެ ޚާއްޞަ ކަމެއްގެ ގޮތުގައި، އެންމެ 10 ގަޑިއިރުގެ ތެރޭގައި 2،104 އައު ގިނިހިލަ (އެސްޓަރޮއިޑް) އާއި، ބިމާ ކައިރިން ދަތުރުކުރާ 7 ގިނިހިލަ ދެނެގަނެވުނެވެ. މިއީ އެހެން ޓެލެސްކޯޕްތަކުން އަހަރެއްގެ ތެރޭގައި ދެނެގަނެވޭ ވަރާއި އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ސްކޮޓްލެންޑްގެ އެސްޓްރޮނޮމަރ ރޯޔަލް، ޕްރޮފެސަރ ކެތަރިން ހެއިމަންސް ވިދާޅުވި ގޮތުގައި މިއީ އޭނާ 25 އަހަރު ވަންދެން މަސައްކަތްކޮށްގެން ހާސިލުކުރި ކާމިޔާބެކެވެ. މި ޓެލެސްކޯޕަކީ ތިން ލެންސް ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ ޓެލެސްކޯޕެކެވެ. މީގެ މައި ލެންސްގެ ޑައިމީޓަރަކީ 8.4 މީޓަރެވެ.

މި ޓެލެސްކޯޕްގެ ކެމެރާގައި 3،200 މެގަޕިކްސެލް ހުރެއެވެ. މި ކެމެރާއިން ނަގާ އެންމެ ފޮޓޯއެއް އެކޮލިޓީގައި ދެއްކުމަށް 400 އަލްޓްރާ އެޗްޑީ ޓީވީ ސްކްރީން ބޭނުންވާނެއެވެ. ކެމެރާއިން ކޮންމެ 40 ސިކުންތަކުން އެއްފަހަރު ފޮޓޯ ނަގައި، 8-12 ގަޑިއިރު މަސައްކަތްކުރާނެއެވެ.

"ލެގަސީ ސަރވޭ އޮފް ޓައިމް އެންޑް ސްޕޭސް" ގެ ނަމުގައި ކުރިއަށްދާ 10 އަހަރުގެ މި މަޝްރޫޢުގެ ސަބަބުން، ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެތައް މިލިއަން އައު އެސްޓަރޮއިޑްތަކެއް ހޯދޭނެކަމަށް ލަފާކުރެވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ޑާކް މެޓަރ އަދި ޑާކް އެނަރޖީ ފަދަ ބޮޑެތި ކައުނީ ސިއްރުތަކާ ބެހޭ އައު މަޢުލޫމާތުތަކެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ.
ނެޝަނަލް ސައިންސް ފައުންޑޭޝަނުން ބުނާ ގޮތުގައި، ރޫބިން އޮބްޒަވޭޓަރީން އެންމެ ފުރަތަމަ އަހަރު އެއްކުރެވޭ މަޢުލޫމާތުގެ އަދަދު، މިހާތަނަށް އެހެން ހުރިހާ އޮޕްޓިކަލް އޮބްޒަވޭޓަރީތަކުން އެއްކުރެވުނު މަޢުލޫމާތަށްވުރެ ގިނަވާނެއެވެ.
މި އަގުހުރި މަޢުލޫމާތުގެ ސަބަބުން ސައިންޓިސްޓުންނަށް ކައުނާ ބެހޭ އެތައް ކަމެއް ދެނެގަނެވި، އަންނަން އޮތް އެތައް އަހަރަކަށް ސައިންޓިފިކް ދިރާސާތަކަށް މަގުފަހިވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!