މާލޭގައި އެއްވުންތައް ބާއްވަން އެއްތަނުގެ ބަދަލުގައި ގިނަ ތަންތަން ހަމަޖެއްސީ މި ސަރުކާރުންކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް މިއަދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީއަށް ގުޅިވަޑައިގަތުމުގެ މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ތަނެއް ނުދިންކަމަށް ވިދާޅުވެފައެވެ.

Ad
rt

ފައްޔާޒު މި މޭރުމުން ވިދާޅުވެފައި ވަނިކޮށް ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.

މީގެ ކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ކާނިވާ ސަރަޙައްދަށް ކަމަށާއި، އެއީ ކުރިން ހުއްދަ ނެގުމަކާ ނުލައި އެއްވެވޭ ހަމައެކަނި ސަރަޙައްދު ކަމުގައި ވިދާޅުވިއެވެ. ނަމަވެސް މިހާރު މި ސަރުކާރުން ވަނީ އިތުރު ތަންތަން މިކަމަށް ހަމަޖައްސާފައިކަން ހީނާ ވަނީ ފާހަގަކުރަށްވާފައެވެ.

އެގޮތުން، ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި ސަރަހައްދު)، އުސްފަސްގަނޑާއި އަދި ރަސްފަންނު ވަނީ ކުރިން ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތްތައް ހިންގޭނެ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވި ގޮތުގައި، މިގޮތަށް ކަނޑައެޅި، ފުރުޞަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފް ލޯ އާއި ޑިމޮކްރެސީގެ ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެކެވެ.

ފައްޔާޟް ވަނީ ނަޝީދާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި ހަފްލާތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ސަރުކާރުން ތަނެއް ނުދެއްކިކަމަށް ވިދާޅުވެ، މިހާރު ގަސްތުުކުރަށްވަނީ ނަޝީދަށް މަރުހަބާ ދެންނެވުމަށް 23 ޖޫން 2025 ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި ބޭއްވުމަށް ކަމަށް ވިދާޅުވެފައެވެ.