ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ. ކެލާ ގްރީން ހައުސްއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ކެލާ ގްރީން ހައުސް އަކީ މެޕް ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ އެކި ރައްތަކުގައި ގެންދާ ދަނޑުވެރިކަމުގެ ޕައިލެޓް ޕްރޮޖެކްޓުތަކުގެ ތެރެއިން ކެލާ ގައި ގާއިމްކޮށްފައިވާ ތަނެކެވެ. އެތަނުގައި ހައްދާފައިވަނީ މިރުހާއި ކެޕްސިކަމް އެވެ.
ވަޒީރު ޒިޔާރަތްކުރެއްވީ ހދ. އަދި ހއ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ކެލަޔަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ ވަޒީރު ކެލާ ގްރީން ހައުސްއަށް ކުރެއްވި ޒިޔާރަތުގައި އެތަނުގައި މަސައްކަތް ކުރާ ދަނޑުވެރިންނާއި ބައްދަލުކުރައްވާ، އެބޭފުޅުންގެ ހިޔާލުތައް އަޑުއެއްސެވިކަމަށެވެ.
މީގެ އިތުރުން ދަނޑުވެރިކަން ކުރިއެރުވުމަށް ދަނޑުވެރިންނަށް އިތުރަށް ބޭނުންވާނެ ކަންކަންވެސް ވަޒީރު ވަނީ އޮޅުންފިލުއްވާފައެވެ.
ވަޒީރު މީގެ ކުރިން ވަނީ ހދ. ހަނިމާދޫ އަށާއި ހއ. އުލިގަމަށް ވެސް ޒިޔާރަތްކުރަށްވާފައެވެ. ވަޒީރުގެ މި ޒިޔާރަތުގައި މި ދެރަށު ކައުންސިލްގެ އިތުރުން ކެލާ ކައުންސިލާއެކު ވަނީ ފުޑްސެކިއުރިޓީއަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރަށްވާފައެވެ.
މީގެ އިތުރުން ރާއްޖޭގައި ކާނާގެ ޔަޤީކަން އިތުރުކުރުމުގެ ގޮތުން ހިންގާ މަޝްރޫޢުގެ ތެރެއިން ހަނިމާދޫގައި ބަނބުކެޔޮ ގަސް އިންދުމުގެ ހަރަކާތުގައި ވެސް ވަނީ ވަޒީރު ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!