ށ. އަތޮޅުގެ އޮޑިވެރިންނާއި މަސްވެރިންނަށް އަމާޒުކޮށްގެން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 13 ވަނަ ދުވަހު ށ. ފުނަދޫގައި ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމް އެވެ. މި ރަސްމިއްޔާތުގައި އަޕަރ ޕޮލިސް ރީޖަން ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ އާއި މެރިން ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޙަމީދު ޔޫސުފް އަދި ށ. އަތޮޅު ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުﷲ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މެރިން ޕޮލިސް އާއި ށ. އަތޮޅު ޕޮލިސް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި އޮޑިވެރިންނާއި މަސްވެރިންގެ އިތުރުން، ފުލުހުންނާއި ސްކޫލު ދަރިވަރުންނާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެއެވެ.
މިހާތަނަށް ފުނަދޫ، ފޯކައިދޫ، ޅައިމަގު އަދި ކޮމާންޑޫގައި ކުރިއަށްގެންދެވުނު ސެޝަންތަކުގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ޤާނޫނުތަކާއި ޤަވާއިދުތަކާ ބެހޭ މަޢުލޫމާތު ދެވިފައިވެއެވެ. މީގެ އިތުރުން، މެރިޓައިމް ލޯ އެންފޯސްމަންޓް އޭޖެންސީތަކާއި، ސަލާމަތީ އާލާތްތަކާއި، ހާދިސާތައް ދިމާވާ މައިގަނޑު ސަބަބުތަކާ ބެހޭ މަޢުލޫމާތުވެސް ހިއްސާކުރެވިފައިވެއެވެ.
އަދި ހަމައެއާއެކު، ކޮލީޝަން ރެގިއުލޭޝަންތަކާއި، ރިސޯޓުތަކުގެ ފަޅު ސަރަހައްދުތަކާއި، ފީނުން މަނާ ސަރަހައްދުތަކާއި، ފީނުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ޖޫރިމަނާތަކާ ގުޅޭ މަޢުލޫމާތުވެސް މި ސެޝަންތަކުގައި ބައިވެރިންނާ ހިއްސާކުރެވިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!