ރާއްޖެ އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ ޑްރަގް މޯލްޑިވްސް ކަސްޓަމް ސާވިސް އިން އަތުލައިގެންފިއެވެ.
މިކަން ހާމަކުރައްވައި ދާޚިލީ ވަޒީރު ޢަލީ އިހްސާން ވިދާޅުވީ، ކަސްޓަމްސް އިން މިރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 18 ކިލޯގްރާމްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ ކަމަށެވެ.
މިތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާކަމަށް އަރާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
''ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވަން.'' ވަޒީރު ވިދާޅުވެފަވެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުން ކަމަށް ވެސް ވަޒީރު އިހްސާން ވަނީ ވިދާޅުވެފައެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި އަތުލައިގަނެފައި ވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއްގައި ފޮރުވާފައި ހުރި 18.62 ކިލޯގެ މަސްތުވާ ތަކެއްޗެވެ. އަދި އެއީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިނޮއިޑްސް ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!