ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތައްޔާރުވެއްޖެއެވެ.
މި މަސައްކަތްތައް ފެށުމަށް ޕޯސްޓް ލިމިޓެޑުން މިހާރު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އިމާރާތެއް ކުއްޔަށް ހިފުމަށް ބިޑަށް ހުޅުވާލާފައެވެ.
ޕޯސްޓް ލިމިޓެޑުން ކުރި އިއުލާނެއްގައި ވަނީ ޕޯސްޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރެވޭނެ އިމާރާތެއް ކުއްޔަށް ދޭން ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުގެ 14:45 ގައި ޕޯސްޓް ބިލްޑިންގްގައި ކަމަށްވެސް އިއުލާނުގައިވެއެވެ.
ޕޯސްޓް ލިމިޓެޑުން ގެޒެޓް ކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބުނެފައި ވަނީ ކުއްޔަށް ހިފަން ބޭނުންވަނީ މިހާރުން މިހާރަށް ބޭނުންކުރެވޭ ގޮތައް ހުރި އިމާރާތެއް ކަމަށެވެ. އަދި އެއިމާރާތް ވާން ޖެހޭނީ ގްރައުންޑް ފްލޯގައި ހުރި 1700 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށް ކަމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.
ޕޯސްޓުގެ ޚިދުމަތް ދިނުމަށް ތަނެއް ކުއްޔަށް ހިފަން ބޭނުންވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ޕޯސްޓް ލިމިޓެޑުން ބުނެއެވެ.
ރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު ދުވަހަކަށްފަހު ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެގޮތުން، މިފަހުން ޓޭމޫއިން ރާއްޖެއަށް ޝިޕް ކުރަން ފެށުމުން އެތަނުގެ އޯޑަރުތައް ގިނަވެ، ޕޯސްޓް އޮފީހަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ.
ނަމަވެސް ޕޯސްޓް ލިމިޓެޑުން އަންނަނީ ކަސްޓަމަރުންގެ އޯޑަރުތައް ގަވާއިދުން ހަވާލުކުރަމުންނެވެ. އެގޮތުން، ޕިކް ޕޯސްޓުތަކާއި ރަށްތަކުގެ ޕޯސްޓުތަކާއި މާލޭގެ އޮފީސްތަކުންވެސް ޕެކޭޖުތައް ދޫކުރުމުގެ މަސައްކަތް ކެނޑިނޭޅި އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!