ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް މިއަދު ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވިއަނުން މައުލޫމާތު ދިން ގޮތުގައި މި ބޯޓު ފްރާންސްގެ ޓޫލޫޒްއިން ރާއްޖެއަށް ދަތުރު ފެށީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އިތުރު ތިން މަންޒިލަކަށް ޖެއްސުމަށްފަހު މި ބޯޓު ރާއްޖެ އައުމުގެ ކުރިން އެންމެ ފަހު މަންޒިލެއް ގޮތުގައި ޖެއްސީ އޮމާންގެ މަސްކަޓުންނެވެ.
މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް މިއަދު ފޯރީ ހަވީރު 16:00 ހާއިރުއެވެ.
މި މަތިންދާ ބޯޓަކީ 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ. މި ބޯޓުގެ އަގަކީ 18 މިލިއަން ޑޮލަރެވެ.
މި ބޯޓު ވީއައިއޭ އަށް ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ވަނީ ކޮށްފައެވެ. އަދި ބޯޓު ރަންވޭގައި ޖެއްސުމާއެކު ބޯޓަށް ވޯޓާ ސެލިއުޓެއް ދިނެވެ.
މި އައު ބޯޓާއެކު މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ޖުމްލަ ފަސް އޭޓީއާރު ބޯޓު ހިމެނެއެވެ. މީގެ ކުރިން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭޓީއާރު-72ގެ ދެ ބޯޓާއި، އޭޕްރީލް މަހު އޭޓީއާރު-42 ބޯޓަކާއި، 2022 ވަނަ އަހަރުގެ މެއި މަހު އޭޓީއާރު-42ގެ ބޯޓެއް ގެނެސްފައިވެއެވެ.
ޤައުމީ އެއާލައިންގެ ފްލީޓުގައި 25 މަތިންދާބޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ ފަސް މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!