ކޮނޑަށްލައިގެން ދުވަހު ކުއްޔަށް ދޭ ކޮޓަރިއަކުން ނެރެގެން، ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކު ނިޔާވެފައިވާކަމަށާއި މި މައްސަލައިގައި ޝައްކުތަކެއް ހުރުމާއެކު ފުލުހުން ތަހުގީގު ފަށައިފައެވެ.

ވެމްކޯގެ މުވައްޒަފެއް ކަމަށްވާ އިބްރާހިމް އަމީން ހަސަން ދީދީ ނިޔާވެފައިވަނީ މިއަދު ހެނދުނު އެވެ.

Ad
ooredoo

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ހެނދުނު 6:00 ގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެނައި މީހަކު ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް އަންގާފައެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިބްރާހިމް އަމީން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ. ދުވަހު ކުއްޔަށް ދޭ ކޮޓަރިއެއްގެ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި، ރޭ ފަތިހު ވަގުތެއްގައި ތިން މީހަކު އޭނާ ކޮނޑަށް ލައިގެން ކޮޓަރިން ނެރެ، ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

އިތުރަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ ކޮޓަރިއަކީ އަމީންގެ ރައްޓެހިން ތަކެއް ނަގާފައިވާ ކޮޓަރިއެކެވެ. އަދި ކެމެރާ ފޫޓޭޖުން ފެންނަ ގޮތުގައި އެ ކޮޓަރިއަށް ވަދެފައިވަނީ ރޭގެ ވަގުތެއްގައެވެ.

މި މައްސަލައިގައި ޝައްކުތަކެއް ހުރުމާއެކު، އަމީންގެ އާއިލާއިން ވެސް ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާފައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ އިތުރު މައުލޫމާތު ލިބުމުން އާންމު ކުރާނެ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.