މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ނަލަވެށި – ށަވިޔަނި 2025" ގެ ނަމުގައި ސާފުކުރުމުގެ ބޮޑު ހަރަކާތެއް ށ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 5 ވަނަ ދުވަހެވެ. ނަމަވެސް މި އަހަރުގެ އެ ދުވަސް ދިމާވަނީ ހައްޖު ދުވަހަށެވެ. ވުމާއިއެކު ސާފުކުރުމުގެ ހަރަކާތް ށ.އަތޮޅުގައި ކުރިއަށް ގެންދަން އަތޮޅު ކައުންސިލުން ނިންމާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

Ad
rt

މި ހަރަކާތާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރައްވަމުން ށ.އަތޮޅު ކައުންސިލްގެ ރައީސް މަހައްމަދު ޝިޔާމް ވިދާޅުވީ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އެ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގައި ކުރިއަށް ގެންދާ ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން ރަށްތަކުގެ އިޖުތިމާއީ ސަރަހައްދުތަކާއި އަތިރިމަތިތައް ސާފުކުރާން ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސާފުކުރުމުގެ ހަރަކާތް ފާއިތުވި އަހަރު ވެސް ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި ނަމަވެސް މި އަހަރުގެ ހަރަކާތަކީ އަތޮޅުގައި ހިންގޭ ސާފު ކުރުމުގެ އެންމެ ބޮޑު ހަރަކާތްކަމަށެވެ. މި ހަރަކާތުގައި ރަށްތަކުގެ ރައްޔިތުންނާއި މުއައްސަސާތަކާއި ސްކޫލް ދަރިވަރުން ހިމެނޭހެން ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވާނެ ކަމަށެވެ.