ތިލަދުންމަތީ ދެކުނުބުރީ ނާގޯށީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރިސޯޓްގެ އަމަލީ މަސައްކަތް އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ކަމުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހާމަކޮށްފިއެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނިޔާޒް ވިދާޅުވީ އެމްޓީޑީސީއަށް ރިސޯޓް ތަރައްގީ ކުރަން ދޫކޮށްފައިވާ ނާގޯށީގެ އަމަލީ މަސައްކަތް އަންނަ ޖޫންމަހު ފަށާނެ ކަމަށެވެ.
ނިޔާޒް ވިދާޅުވީ ނާގޯށީގައި ތަރައްގީ ކުރާ ރިސޯޓް މަސައްކަތުގެ ކުރެހުންތައް މިހާރު ނިމިފައިވާ ކަމަށާއި، އަދި އެ ރަށުގައި މަސައްކަތް ފެށުމަށް ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ވެސް މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެ ރަށުގައި ކުރިން އިމާރާތް ކޮށްފައިވާ ސަރަހައްދު ސާވޭކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
ނާގޯށީގައި ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އޭރު އެރަށުގައި ރިސޯޓެއް ތަރައްގީކުރުމަށް ސަބްލީޒްކުރީ ރަޝިއާގެ ކުންފުންޏަކަށެވެ. އެފަރާތުން ހަރަދުކޮށް މަސައްކަތްތަކެއްވެސް ކުރިކަމަށް އެމްޓީޑީސީން ވަނީ ބުނެފައެވެ. ނަމަވެސް 2012 ވަނަ އަހަރު ދިމާވި މާލީ ހާލަތާއި ގުޅިގެން އެކުންފުންޏަކަށް ޕްރޮޖެކްޓް ކުރިއަށް ނުގެންދެވުނެވެ.
2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް ނެގުމަށްފަހު 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ރަށް ލިބުމުން އެއަހަރު ވަނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދީފައެވެ. ނަމަވެސް 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ވުމާއެކު މި އެގްރިމެންޓް ވަނީ އުވާލާފައެވެ.
ނާގޯށީގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އެމްޓީޑީސީން ކުރިއަށްއޮތް ތަނުގައި ނާގޯށި ތަރައްޤީކުރުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ނާގޯށި ފުރަތަމަ ހުޅުވިގެންދާއިރު 183 ކޮޓަރި ހުންނައިރު އޭގެ ތެރޭގައި ހިމެނެނީ 100 ވޯޓަރ ވިލާ އާއި 83 ބީޗް ވިލާއެވެ.
ނާގޯށީގެ ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމަށް 37 މިލިއަން ޑޮލަރު ހަރަދުވާނޭކަމަށް އެމްޓީޑީސީއިން މައުލޫމާތުދެއެވެ. އަދި މިހާރު ކޮށްފައިހުރި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް 15 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އުއްމީދަނީ އަންނަ އަހަރުގެ ފަހުކޮޅު ނާގޯށީގެ އޮޕަރޭޝަންތައް ފެށުންކަމަށް އެމްޓީޑީސީއިން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!