ސަޢޫދީ ޢަރަބިއްޔާއަށް 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއާއެކު، މިރެއިން ފެށިގެން ޛުލްޙިއްޖާ މަސް ފެށިގެން ދާނެއެވެ. މާދަމާއަކީ ހައްޖުމަހުގެ 1 ވަނަ ދުވަހެވެ.
ސައޫދީއަށް ހަނދުފެނުމާއެކު ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މީލާދީ ސަނަތުން މާދަމާއަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާތީ، މީލާދީ ސަނަތުން ޖޫން މަހުގެ ފަސް ވަނަ ދުވަހަކީ މި އަހަރުގެ ހައްޖު (އަރަފާތު) ދުވަސް ކަމުގައި ރާއްޖެއިންވެސް ކަނޑައަޅާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން "ޙަރަމައިން.އިންފޯ" އިން ޢާންމުކޮށްފައިވާ މަޢުލޫމާތުތަކުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ޙައްޖު މަހުގެ މުހިންމު ތާރީޚްތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން:
- ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަސް: މެއި މަހުގެ 28، ބުދަ ދުވަސް
- ޢަރަފާތް ދުވަސް: ޖޫން މަހުގެ 5، ބުރާސްފަތި ދުވަސް
- އަޟްޙާ ޢީދު ދުވަސް: ޖޫން މަހުގެ 6، ހުކުރު ދުވަސް
ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ މުހިންމުކަން ހާމަކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ: "މި ދިހަ ދުވަސް (ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް) ތަކުގައި ކުރާ ހެޔޮ ޢަމަލުތަކަށްވުރެ ﷲ ތަޢާލާއަށް އެހެން ދުވަސްތަކެއްގައި ކުރާ ހެޔޮ ޢަމަލުތައް ލޮބުވެތިވެގެން ނުވެއެވެ." (ބުޚާރީ)
އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ: "ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ، ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުހެވިގެންދާ ކަމެކެވެ." (މުސްލިމް)
ޙައްޖާޖީންގެ ޙައްޖާއި، އަޅުގަނޑުމެން އެންމެންގެ އަޅުކަންތައް ﷲ ސުބްޙާނަހޫ ވަތަޢާލާ ޤަބޫލުކުރައްވައި، މި ބަރަކާތްތެރި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ތައުފީޤު ދެއްވާށިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!