ކުޅުދުއްފުށި ސިޓީގައި މިއަދު ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެއްޓި ކަހާލައިގެންގޮސް މަގުގެ އެއްކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި ގެއްލުންވެއްޖެއެވެ.

މިއަދު މެންދުރުގެ ވަގުތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކުޅުދުއްފުށީގެ އުދަރެސް މަގުން ހުޅަނގަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެންނެވެ. އަދި މި މައްސަލަވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ.

Ad
rt

އެގޮތުން ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދީ ވިދާޅުވެފައިވަނީ އެކްސިޑެންޓްވި ސައިކަލު ދުއްވާފައިވަނީ އެ ކެޓަގަރީ ގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މީގެ އިތުރުން ސޯސަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި މި ފިރިހެން މީހާ އެކަނި ބާރު ސްޕީޑެއްގައި ސައިކަލުގައި އައި އިރު ވަރަށް ދުރުން ކަހާލައިގެން ވެއްޓޭ މަންޒަރު ފެނެއެވެ. އަދި މި މީހާ ދުއްވަން އިން ސައިކަލު ޕާކު ކޮށްފައި ހުރި ސައިކަލުގައި ޖެހި ދުރަށް ވިއްސައިގެންދާ މަންޒަރުވެސް ފުޓޭޖުން ފެނެއެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން ފިރިހެން މީހާއަށް ފިޔަވައި އިތުރު މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.