ށ. އަތޮޅު ކައުންސިލުން ހިންގާ ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޯސްތަކަކީ، ށ އަތޮޅު ކައުންސިލުން 2025 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލުގައި ހިމެނިގެން، އެ އަތޮޅުގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި އެ ދާއިރާތަކުން ވަޒީފާއަށް ޝައުގުވެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކޯސްތަކެކެވެ.

Ad
rt

އެގޮތުން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ކޯސްތަކުގެ ބައިވެރިންނަށް އަތޮޅު ކައުންސިލުން ލުއި ދިނުމުގެ ގޮތުން ކައުންސިލުގެ ބަޖެޓުން ފީ ދައްކައިދީ، ހިލޭ ބައިވެރިވެވޭނެހެން ވަނީ ހަމަޖައްސާފައެވެ.

އަތޮޅު ކައުންސިލުން ބުނީ، ބައިވެރިން ހޮވުމުގައި އަތޮޅުގެ ކޮންމެ ރަށަކުން ފުރުޞަތު ދިނުމަށްފަހު އިތުރު ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އުމުރު އަދި ވަޒީފާގެ ހާލަތައް ރިޢާޔަތްކޮށެވެ. އެހެންކަމުން، ރަށަކުން އެއްފަރާތައްވުރެއް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ހުށަހަޅާފައިވާނަމަ އިސްކަންދޭ ތަރުތީބު ކަނޑައަޅާނީ އެ ރަށު ކައުންސިލުގެ ލަފާގެ މަތިންކަމަށް އަތޮޅު ކައުންސިލުން ބުނެފައިވެއެވެ.

މަދުވެގެން 20 ބައިވެރިން ހިމެނޭހެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން ކައުންސިލުން ހިއްސާ ކޮށްފައިވާ ގޫގުލް ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އަތޮޅު ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން މި ކޯހާ މެދު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ފުނަދޫ ކައުންސިލް އިދާރާއިން ނުވަތަ 6540427/6540400 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށް އަތޮޅު ކައުންސިލުން އެދިފައިވެއެވެ.

ށ. އަތޮޅު ކައުންސިލުން މީގެ ކުރިން ވަނީ ބޭސިކް ޑައިވިން ކޯސް ކާމިޔާބު ކަމާއެކު ހިންގާފައެވެ.

ށ.އަތޮޅު ކައުންސިލަކީ އަތޮޅުގެ ތަރައްގީއަށް ހީވަގީ މަސައްކަތްތަކެއް ކުރަމުން އަންނަ ހިންގުންތެރި ކައުންސިލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.