ފާއިތުވި ހަފްތާގެ ތެރޭގައި މަކަރާއި ހީލަތުން 480,000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ އަތުލައިފައިވާކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންޓި ސްކޭމް ސެންޓަރުން ހިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މަހުގެ 13 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 481,520.67 ރުފިޔާ ގެއްލިފައިވެއެވެ. ނަމަވެސް މީގެ ތެރެއިން 383,610.08 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މިއީ ގެއްލުނު ފައިސާގެ 80 އިންސައްތައެވެ.

Ad
rt

މި މުއްދަތުގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރަށް 45 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. މިގޮތުން އެ ބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްކޭމަރުން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް 20 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

އެހެނިހެން ސްކޭމްގެ ބާވަތްތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ 10 މައްސަލައާއި، ފޯނު މެދުވެރިކޮށް ހިންގާ 5 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން އިމްޕާރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަތައްވެސް ރިޕޯޓުކޮށްފައިވެއެވެ.

ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި ވައިބަރ (9 މައްސަލަ)، ފޯނު ކޯލް (6 މައްސަލަ)، އައިބޭ، މެސެންޖޖަރ، ޓެލެގްރާމް އަދި އިންސްޓަގްރާމް ހިމެނެއެވެ.

އެންޓި ސްކޭމް ސެންޓަރުން ވަނީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް އަދި ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް އެދިފައިވެއެވެ.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށާއި، ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އިރުޝާދު ދީފައިވެއެވެ.

އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމަށާއި، ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުމަށް އެންޓި ސްކޭމް ސެންޓަރުން ލަފާދީފައިވެއެވެ. އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުމަށާއި، އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.