ކުޅުދުއްފުށި ސިޓީގައި އުތުރު ސަރަހައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާ މިއަދު ފަށައިފިއެވެ.

އެގޮތުން މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، ޙިސާން ޙަސަން އާއި، ދިވެހި ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ އާއި، ސިޓީތަކާއި ލޯކަލް ގަވަރނަންސް އަދި ޕަބްލިކް ވަރކްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އާރިފް ބައިވެރިވެވަޑައިގެންފައިވެއެވެ.

Ad
rt

އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް އާއި މުއައްސަސާތަކުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ކުޅުދުއްފުށި ސިޓީ ކައުންސިލާއި ދިވެހި ރެޑް ކްރެސެންޓާ ގުޅިގެން ހުށަހަޅާފައިވާ އުތުރު ސަރަޙައްދުގެ ކާރިސީ ހީރާސް ކުޑަކުރުމަށް ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގައި މަރުކަޒުވެފައިވާ ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، ތަޢުލީމީ ދާއިރާއާއި އަދި ވިޔަފާރިތައް އެއްކޮށް، ކާރިސާތަކުގެ ނުރައްކާތައް މަދުކުރުމަށް ދަނީ އެއްބައިވަންތަކަމާއެކު މަސައްކަތްކުރަމުންނެވެ.

އެގޮތުން 75 ބައިވެރިންނާއެކު މި މަހު 19 އާއި 20 ގައި ބާއްވާ މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ، އެ ސަރަޙައްދުގެ ރަށު ކައުންސިލްތަކަށް ކަމާބެހޭ އިދާރާތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރުމަށާއި، ތަޖުރިބާއާއި ޚިޔާލުތައް ހިއްސާކުރުމަށާއި، އަދި ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތަކުގައި ކާރިސާގެ ނުރައްކާ ކުޑަކުރުމާއި ތައްޔާރުވެ ތިބުމުގެ ކަންކަން ހިމެނުމަށް ހުށަހެޅުންތައް ހުށަހެޅުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެއް ޤާއިމުކޮށްދިނުމެވެ.

މި މަހާސިންތާގެ ތެރެއިން، ⁠ޑީއާރްއާރް ޤައުމީ އިސްކަމެއްގެ ގޮތުގައި ކުރިއެރުވައި، ⁠ގިނަ ދާއިރާތަކެއްގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި ޑީއާރްއާރްގެ މަސައްކަތްތައް ވިލަރެސްކުރުން ހަރުދަނާކޮށް، ⁠އެކުގައި ކުރަންޖެހޭ ކަންކަމާއި އިސްކަންދޭންވީ ކަންކަން ފާހަގަކުރެވޭނެއެވެ.

މީގެ އިތުރުން، ⁠މަޢުލޫމާތު ހިއްސާކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ޑީއާރްއާރްއާ ގުޅޭ ސިޔާސަތުތަކާއި، ޕްރޮގްރާމްތަކާއި، އަދި އިންވެސްޓްމަންޓްތަކަށް ވަކާލާތުކުރުމަށް ޕްލެޓްފޯމެއް އުފެއްދުން ހިމެނެއެވެ.

ދެކުނުގެ ސަރަހައްދުން 4 އަތޮޅެއް ހިމެނޭހެން 2024 ވަނަ އަހަރު ބޭއްވި ކާރިސީ ހީރާސް ކުޑަކުރުމުގެ ރީޖަނަލް މަހާސިންތާއަށް ފަހު މިއީ މި ސިލްސިލާގެ ތެރެއިން ބޭއްވޭ 2 ވަނަ މަހާސިންތާއެވެ.