ހއ. އިހަވަންދޫގައި އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހު ވެމްކޯގެ ޚިދުމަތް ފެށުމަށް މަޝްވަރާކޮށްފިއެވެ.

އެގޮތުން ވެމްކޯ އޮފީހުގައި އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އިހަވަންދޫ ކައުންސިލުންވަނީ ބައިވެރިވެފައެވެ.

Ad
rt

އިހަވަންދޫ ކައުންސިލުގެ ރައީސް އަޙުމަދު ސޮބާހް ''ތިލަދުން'' އަށް މައުލޫމާތު ދެއްވި ގޮތުގައި މި ބައްދަލުވުމުގައި އިހަވަންދޫގައި ވެމްކޯގެ ޚިދުމަތްތައް ފެށުމަށް ދުވަހެއް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން 1 ޖޫން 2025 ވާ އާދިއްތަ ދުވަހު މި ހިދުމަތްތައް ފެށުމަށް ކަނޑައަޅާފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އަދި ކުނި އުފުލުމަށް ވެމްކޯއިން މި ކަމަށް ބޭނުންވާ ވެހިކަލުތައް ފޯރުކޮށްދެއްވާނެކަމަށާއި، އެރަށުގައި ވެމްކޯ އޮފީހެއް ޤާއިމު ކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ސަބާހް ވިދާޅުވެފައިވަނީ، ރަށުގެ ރައްޔިަތުން ބޭނުންވާ ކަހަލަ ޒަމާނީ ފެންވަރުގެ ކުނިކޮށްޓެއް ރަށުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ރައްޔިތުން މިކަމަށް ދެކޭ ފޮނިހުވަފެންތަކުގައި ވަރަށް އަވަހަށް ކުލަ ޖެހިގެންދާނެކަމަށެވެ.

މި ފުރުސަތުގައި ވެމްކޯގެ ޙިދުމަތްތައް ރަށުގައި ފެށުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަ ތަކެއް ފޯރުކޮށްދެއްވާފައިވާތީ ސަރުކާރަށާއި ވެމްކޯއިން ކުުރާ މަސައްކަތްތައް ބަލައިގަނެ ރައީސް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ހއ. އަތޮޅުގައި މިވަގުތު ވެމްކޯގެ ޚިދުމަތް ދެމުން އަންނަނީ ވެރިރަށް ދިއްދޫގައެވެ.