ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޚަބަރު ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް ސީނިއަރ ނިއުސް އެޑިޓަރ ޢަބްދުﷲ މުޢާޛު ހޮވިއްޖެއެވެ.
ޕީއެސްއެމްގެ އަހަރީ އެވޯޑު ޙަފްލާ ރޭ ބާއްވާފައިވާއިރު، ހއ. ދިއްދޫ އަށް ނިސްބަތްވާ މުޢާޛު އަށް ވަނީ އެންމެ މޮޅު މުވައްޒަފުގެ އެވޯޑްގެ އިތުރުން، ބެސްޓް ނިއުސް ޕްރެޒެންޓަރގެ އެވޯޑާއި އަދި ބެސްޓް އެޑިޓަރގެ އެވޯޑު ވެސް ލިބިފައެވެ.
މުޢާޛު ވަނީ ޕީއެސްއެމް ނިއުސްގެ ބެސްޓް އެންކަރ އަދި ޕްރެޒެންޓަރ ހޮވުމަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން އޭނާ އަށް ވޯޓުދިން ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް ދިއްދޫގެ އެންމެހައި ރައްޔިތުންނަށް ހިިތުގެ އެންމެ އިޚްލާސްތެރިކަމާއެކު ޝުކުރުއަދާކޮށްފައެވެ.
މި ޝަރަފްވެރި މަގާމްތައް ހާސިލްވުމާއި ގުޅިގެން މުޢާޛް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، އޭނާގެ މަސައްކަތަށް އޭނާގެ އަންހެނުންނާއި، ޢާއިލާ އަދި ޕީއެސްޓީމުން ދޭ އެއްބާރުމާއި އެހީތެރިކަން ފާހަގަކޮށްފައެވެ.
''ރެއާދުވާލު މިގޮތަށް މި މަސައްކަތްކުރެވެނީ އަޅުގަނޑުމެންގެ އާއިލާތަކުގެ އެހީތެރިކަމާއެކު. އެހެންކަމުން ޕީއެސްއެމް ނިއުސްޓީމުގެ ފަރާތުން އަޅުގަނޑުމެންގެ ކެތްތެރި އާއިލާތަކަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް މިހާ ހިސާބަށް އާދެވުނީ އަޅުގަނޑުގެ މަންމައާއި ބައްޕައާއި ވައިފްގެ ވަރަށް ބުރަ މަސައްކަތާއި ޤުރުބާނީން. އަދި ވަރަށް ގާތް ބައެއްގެ ހިތްވަރުން. އަޅުގަނޑުގެ އާއިލާގެ ހުރިހައި މެންބަރުންނާއި ވައިފްގެ އާއިލާގެ އެހީތެރިކަމާއެކު.'' މުޢާޛު ބުނެފަވެއެވެ.
މީގެ އިތުރުން މުޢާޛްގެ އުފަން ރަށް، ހއ. ދިއްދޫގެ އެންމެހައި ރައްޔިތުންނާއި ޕީއެސްއެމް ނިއުސްގެ މެނޭޖުމަންޓާއި އެކުވެރި މުވައްޒަފުން އަދި ޖުމްލަކޮށް ހުރިހާ ސަޕޯޓަރުން ދިން އެއްބާރުލުމާއި ތާއީދު އޭނާ ވަނީ ފާހަގަކޮށްފައެވެ.
މުޢާޛު އެވޯޑް ހަފްލާގައި އޭނާ އަށް ލިބުނު ތިން އެވޯޑާއެކު، ފޮޓޯ: މުޢާޛުގެ ފޭސްބުކް
މުޢާޛަކީ ވަރަށް ކުޅަދާނަ ނޫސްވެރިއެކެވެ. އޭނާގެ ހުށަހެޅުންތައް ފަށުވިވެފައި ފުރިހަމައެވެ. މުޢާޛު ވަނީ މީޑިއާގެ ދާއިރާއިން އިތުރު ކާމިޔާބުތައް ވެސް ހޯދާފައެވެ.
ޕީއެސްއެމް ނިއުސް އެވޯޑް 2025 ގައި ދިން އިތުރު އެވޯޑްތަކަށް ބަލާއިރު، އެންމެ މޮޅު ނިއުސް އެންކަރގެ އެވޯޑު ސީނިއަރ ނިއުސް އެޑިޓަރ ޙަފީޒާ ޢަބްދުއްސައްތާރަށް ލިބުނުއިރު، ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ލިބުނީ އެސިސްޓެންޓް ޖާނަލިސްޓް ރާއިފް އަޙްމަދު ރާޟީއަށެވެ. ވީޑިއޯ އެޑިޓަރުގެ އެވޯޑު ލިބުނީ މުޙައްމަދު މައުމޫނަށެވެ. އެންމެ މޮޅު ކެމެރާމަންގެ އެވޯޑު ލިބުނީ ޢަބްދުއްރަޙީމް ޔޫސުފަށެވެ. އެންމެ މޮޅު ފޮޓޯގްރަފަރުކަމުގެ އެވޯޑު ލިބުނީ މުޙައްމަދު ވަޙީދަށެވެ. އެންމެ މޮޅު އޮން-އެއަރ އޮޕަރޭޓަރަކަށް ހޮވިފައިވަނީ މުޙައްމަދު ޢަލީއެވެ. އެޓެންޑެންސް އެވޯޑު ޙާސިލުކޮށްފައިވަނީ ނާއިޒާ ލަތީފާއި އައިޝަތު ނީޒާއެވެ.
މީގެ އިތުރުން އެންމެ މޮޅު ނިއުސް ޕްރޮޑިއުސަރުގެ އެވޯޑު ފާޠިމަތު ޝިޔާޒާއަށް، ބެސްޓް ޕްރޮގުރާމް ޕްރޮޑިއުސަރުގެ އެވޯޑާއި، އެންމެ މޮޅު ޑޮކިއުމެންޓްރީ ފީޗަރ އެވޯޑު އަޙްމަދު ޝާފީޢުއަށް، އެންމެ މޮޅު ޑޮކިއުމެންޓްރީ އެވޯޑު ވަފީޤާ ޙާމިދަށް، އެންމެ މޮޅު އޮންކެމް ރިޕޯޓުގެ އެވޯޑު އާމިނަތު ޝާޒިޔާއަށް، ބެސްޓް ސެކެޓްރީގެ އެވޯޑު ނާއިޒާ ލަޠީފަށް، ރެޒިލިއަންސް އެވޯޑު ސްޕޯޓްސް ޖާނަލިސްޓް ސާޢިދު އަޙްމަދަށް އަދި ބެސްޓް ސޯޝަލް މީޑިއާ ކޮންޓެންޓު ކްރިއޭޓަރގެ އެވޯޑު މުޙައްމަދު ރިއްފަތަށް ލިބިފަވެއެވެ. އަދި ދައުލަތުގެ މީޑިއާއަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ އަދި މިވަގުތުވެސް ނިއުސް ޗެނަލްގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރަމުންދާ 10 މުވައްޒަފެއްގެ އަގު ވަޒަންކޮށް، ޚާއްސަ އެވޯޑު ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!