10 ބޭސް ފިޔަވައި އަސާސީ ބޭހުގެ ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް އެސްޓީއޯއިން ލިބެންއެބަހުރިކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ނޫސްވެރިންނާއި ބައްދަލުކުރަށްވައި ދައްކަވަމުންދާ ވާހަކަފުޅުގައެވެ.
ރައްޔިތުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދެވެމުންދާގޮތާމެދު މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ 1207 ބޭހެއް އެސްޓީއޯއިން ލިބެން ހުރިކަމަށެވެ. އަދި ޓެކްނިކަލް ބޭހުގެ ގޮތުގައި ބޭނުންކުރާ 784 ބޭހެއް އެސްޓީއޯއިން ލިބެން ހުރިކަމަށެވެ.
މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ވިއްކާ 77 ބޭހެއްގެ އަގު ރިވައިޒްކޮށް، މިރޭން ފެށިގެން ޢަމަލުކުރަން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މިވަގުތު ބޭސް އެތެރެކުރުމުން 115 ސަޕްލަޔަރުން ހޯދަމުންދާއިރު، 308 ބާވަތެއްގެ ބޭހަށް މިހާރު ވެސް އޯޑަރ ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އާސަންދަ ހޯދައިގެން ބޭސް ވިއްކާ މީހުން ސަތޭކަ ނުވަތަ ދުއިސައްތަ އިންސަ ފައިދާގައި ވެސް ބޭސް ވިއްކާފައިވާކަމަށާއި، އެގޮތަށް ބޭސް ވިއްކި ބައެއް މީހުން މިހާރު މަހުޖަނުންނަށް ވެފައިވާ ކަމަށެވެ. އަދި ސަރުކާރުން އަގުތައް ރިވައިޒްކޮށް، ހަމައަގަށް ގެންނަން ފިޔަވަޅުއެޅުމުން ބޭސް އެތެރެކުރާ ފަރާތްތައް ގަސްދުގައި އަސާސީ ބައެއްް ބޭސް އެތެރެކުރުން ހުއްޓާލިކަމަށެވެ. ބޭހުގެ ދަތިކަން އައުމުގައި އެއީ ދިމާވިކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!