ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި، ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ވަރލްޑް ޓޫނާ ޑޭގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު އެ ޕޯސްޓުގައި، މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެއާއިދުވާލު މަސައްކަތްކުރާ އެންމެހައި ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ. އަދި ދުނިޔޭގެ ނިސްބަތުން އެންމެ ސާފު، ރީތި އަދި ކަނޑުގެ ދިރުންތަކާ ރައްޓެހި މަސްވެރިކަމެއް ކުރަމުންދަނީ ދިވެހިރާއްޖޭގައިކަން ފާހަގަކުރައްވާފައިވެއެވެ.
ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ދޮށީގެ މަސްވެރިކަމުން ބާނާ މަސް ވިއްކުމާއި އަގު ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖެއަށް ނެތްކަމަށާއި، މިކަމުގެ ފައިދާ ނަގަމުން އަންނަނީ ވާދަވެރި އެހެން ޤައުމުތަކުންކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކާ ކުރިމަތިލުމަށް، މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންމެވެ. މިގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއްކަންކަމަށް ބަލާއިރު، މި ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމޭއިރު، ދިވެހިރާއްޖޭގައި އެއްފަހަރާ 25,000 ޓަނުގެ މަސް ރައްކާކުރެވޭނެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތާއި، ފަރުމަސްވެރިކަމާއި ސްޕޯޓްސް ފިޝިންގް ތަރައްޤީކުރުމަށް 30 މިލިއަން ރުފިޔާގެ ޚާއްޞަ ލޯނު ޕްރޮގްރާމެއް ތަޢާރަފުކުރުމާއި، މަސްވެރިކަމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންހިފުމަށް މަގުފަހިކުރުން އަދި މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށް ޢިލްމީ ރޮނގުން މަސައްކަތްކުރުން ހިމެނެއެވެ.
ވަރލްޑް ޓޫނާ ޑޭ ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދުނިޔޭގެ ކަނޑުތަކުން އާދަޔާ ޚިލާފަށް ގިނައިން ކުރެވޭ މަސްވެރިކަމުގެ ސަބަބުން، ކަނޑުމަހުގެ އާބާދީ ދަށްވަމުންދާ ދިއުމަށް ޙައްލު ހޯދުމަށް މަސައްކަތްކުރުމެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!