މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު މިއަދު އަރުވައިފިއެވެ.

މި ޝަރަފު ރައީސް މުއިއްޒަށް އެރުވީ އެމަނިކުފާނު މިހާރު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad
rt

އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް މި ޝަރަފު އެރުއްވީ އައިއައިޔޫއެމްގެ ކޮންސްޓިޓިއުޝަނަލް ހެޑް، ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާއެވެ.

މި ޝަރަފު އެރުވީ ޑޮކްޓަރ އޮފް ފިލޮސޮފީއިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމެންޓްގެ ދާއިރާއިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓެންކޫ އަޒީޒާ ވިދާޅުވީ އިސްލާމީ އުސޫލުތަކާއި އިންސާފުގެ މަގުން ރާއްޖެއަށް ކުރިއެރުން ހޯއްދަވައިދެއްވުމަށާއި ގައުމު ހިންގުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުމާއި އެ މަނިކުފާނުގެ ލީޑަރޝިޕް ފާހަގަކޮށްލެވޭ ކަމަށެވެ. އަދި ރައީސް މުއިއްޒަށް މި ޝަރަފު އެރުވުމުގެ ފުރުސަތު ލިބުމަކީ ޔުނިވަރސިޓީއަށް ލިބުނު ޝަރަފެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އައިއައިޔޫއެމްއަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ގިނަ އެހީތަކެއް ވެފައިވާ ޔުނިވަރސިޓީއެކެވެ. 1990ގެ އަހަރުތަކުން ފެށިގެން ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންދާއިރު، މިހާތަނަށް 380 ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީން ތަޢުލީމު ޙާސިލުކޮށްފައިވާ ކަމަށް އައިއައިޔޫއެމްއިން މަޢުލޫމާތު ދެއެވެ.

މި ޝަރަފު ރައީސް މުއިއްޒަށް ލިބިވަޑައިގަތުމަކީ ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. އަދި ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އުއްމީދު ކުރެވެއެވެ.