ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
މިދިޔަ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން އަމުރު ކުރުމަށް ފަހު ކްރިމިނަލް ކޯޓުން ފަހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.
އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ވެސް ރަނގަޅު ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.
އެ މައްސަލާގެ ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ވެސް އޭރު ހައްޔަރުކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!