ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެޤައުމަށް ވަޑައިގެންފިއެވެ.
ރައީސް މެލޭޝިއާއަށް ވަޑައިގެންނެވުމުން މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރްގެ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެޤައުމުގެ މިނިސްޓަރ އޮފް ހެލްތު (މިނިސްޓަރ އިން އެޓެންޑަންސް) ޑރ. ޙާޖީ ޒުލްކިފްލި އަޙްމަދު، މެލޭޝިއާގެ ޗީފް އޮފް ޕްރޮޓޮކޯލް ހިޒް އެކްސެލެންސީ ޔުބަޒްލާން ބިން ޔޫސުފް، ޗީފް އޮފް ސެރެމޮނީ އޮފް ދަ ގަވަރމަންޓް، ޕްރައިމް މިނިސްޓަރޒް ޑިޕާރޓްމަންޓް، ހިޒް އެކްސެލެންސީ ރުޒައިނަރ ބިން ރަމްލީ، މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ހިޒް އެކްސެލެންސީ ބަދްލީ ހިޝާމް އަޙްމަދު، އަދި، ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ޑރ. މަރްޔަމް ޝަބީނާ އަޙްމަދު އެވެ.
ރައީސް މުޢިއްޒު އެއާޕޯޓަށް ފައިބާވަޑައިގެންނެވުމުން ޝަރަފުގެ ގާޑެއްވެސް ވަނީ އަރުވާފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިއަދުން ފެށިގެން މިމަހުގެ 30 އަށް މެލޭޝިއާއަށް ރައީސް ކުރަށްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!