މާލޭގެ އޮފީހެއްގެ ތެރެއިން އަތުލައިގަތް ގިނަ އަދަދެއްގެ ސިނގިރޭޓްތައް އަނބުރާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފި އެވެ.

ހ. ހުޅުގަލީގައި ހިންގާ އޮފީހެއްގައި ސިނގިރެޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު ފުލުހުން އެތަން ފާސް ކުރިއިރު ގިނަ އަދަދެއްގެ ދުންފަތް ފެނިފައިވެ އެވެ. އެއީ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެކެވެ.

Ad
rt

އެތަކެތި އަނބުރާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކުރީ ސިނގިރޭޓާއި ދުންފަތް ވިއްކުމުގެ ލައިސަންސް ހޯދުމަށްފަހު އެ ތަކެތި ހޯދަން ފުލުހުންނަށް ހުށަހަޅައިފިނަމަ އެ ތަކެތި އަނބުރާ ދޭން ޖެހޭނެ ކަމަށެވެ. އަދި ފުލުހުން ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމަށް ވެރިފަރާތުން އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި އަދި ތަކެތި އަނބުރާ ހަވާލު ކުރެވެންދެން ރައްކާތެރިކަމާއެކު ފުލުހުން ބަލަހައްޓަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

ނަމަވެސް އެތަނުން ފެނުނު ހުސް ފޮށިތަކާއި މެޝިންތައް އެއްވެސް ޝަރުތަކާ ނުލައި ތިން ދުވަސް ތެރޭ ހަވާލުކުރަން އެ ހުކުމުގައި ފުލުހުންނަށް އަންގާފައިވެ އެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ރެއިޑިއަސް ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށް ބުނެފައިވެ އެވެ.