މި ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭންގެ ދަށުން ހަދަން ނިންމާފައިވާ އައު އިމާރާތް އެޅުމަށް، ބިން އިތުރުކުރުމުގެ ބަދަލުގައި މިހާރު ހޮސްޕިޓަލް ހިންގަމުން އަންނަ ބިމުގައި އުސްކޮށް އިމާރާތްކޮށް ހިދުމަތްތައް ގާއިމް ކުރުމަށް ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދިއްޖެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް ބިން އިތުރުކުރުމަށް އެދި ހެލްތު މިނިސްޓްރީން ވަނީ ސިޓީ ކައުންސިލުގައި ސިޓީއަކުން އެދިލައްވާފައެވެ. އެ ސިޓީގައި ވަނީ އެސްޓީއޯ ފާމަސީ އުތުރުން އޮންނަ ސަރަހައްދުން ފެށިގެން ނޮލެޖް ސެންޓަރާ ހަމައަށް ބިން އިތުރުކުރުމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަމުން އަންނަބިމުގެ އުތުރުގައި، ބޮޑެތި ގަސްތަކުން ހިޔާވެފައި އޮންނަ ސަރަހައްދަކީ އެ ސިޓީއަށް ދަތުރުކުރާ ގިނަބަޔަކު މަޑުކޮށްލައި އަރާމުކޮށްލަން ބޭނުން ކުރާ ހިތްގައިމު ސަރަހައްދެކެވެ. އަދި އެ ސަރަހައްދަކީ މި ތިން އަތޮޅު މީހުންގެ މަގުބޫލުކަން ހޯދާފައިވާ ހޮނިހިރު ބާޒާރު ވެސް ކުރިއަށްދާ ސަރަހައްދަށްވުމުން، އެ ސަރަހައްދުގެ ފެހިކަން ނައްތާލައި އައު ހޮސްޕިޓަލް އެޅުމާއިމެދު އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. އަދި މީގެއިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މިހާރު ހިންގަމުން އަންނަ ބިމަކީ، ޖާގައިގެ ގޮތުން ވަރަށް ބޮޑު ސަރަހައްދަކަށްވެފައި، އެތަނުގައި އިތުރު ހޮސްޕިޓަލެއް އެޅޭނެ ޖާގައޮތް ކަމުގައި ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބިން ބޮޑުކުރުމަށް އެދުމާއި ގުޅިގެން، ސިޓީ ކައުންސިލުން އެކަމާއި އިތުރަށް މަޝްވަރާކުރުމަށް ބޭނުންވާތީ މި މަހުގެ 21 ވަނަ ދުވަހު ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފާއި ކައުންސިލަރުންގެ އިތުރުން ކުޅުދުއްފުށީ ދެ ދާއިރާގެ މަޖިލިސް މެންބަރުން ހިމެނޭހެން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމާއި ވަނީ ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ސިޓީ ކައުންސިލުން އެދިފައިވަނީ ހޮސްޕިޓަލްގެ އީއާރު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ 15000 އަކަފޫޓުގެ ބިމުގައި އުސްކޮށް އިމާރާތްކޮށް އަލަށް ތަރައްގީ ކުރުމަށް ރާވާފައިވާ އީއާރު ގެ މައްޗަށް އިތުރު ހިދުމަތްތަކަށް ބޭނުންވާ ޖާގަ ތަރައްގީ ކުރުމަށެވެ.
އެ ބައްދަލުވުމުގައި ހޮސްޕިޓަލުން މިހާރު ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްދެއްވުމަށާއި، ރައްޔިތުންގެ ފަރާތުން ހުށަހެޅެމުންދާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ސިޓީ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!