133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވާފައިވާއިރު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 49 ސިފައިންނަށް ރައީސްގެ މެޑެލި ދެއްވާފައެވެ.

ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް މުޢިއްޒެވެ. އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި ވަޒީރުންނާއި ސަރުކާރުގެ ވެރިން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މި ރަސްމިއްޔާތުގައި، ފާއިތުވި އަހަރުގެ އެންމެ ހަށިހެޔޮ އަންހެން ސިފައިންގެ މީހާގެ ގޮތުގައި ކްއާޓަރ މާސްޓަރ ސަރވިސްގެ ކޯޕްރަލް ޢައިޝަތު ނާޒްނީން ހޮވުނެވެ. އަދި އެންމެ ހަށިހެހެޔޮ ފިރިހެން ސިފައިންގެ މީހާގެ ގޮތުގައި މެރިން ޑިޕްލޯއިމެންޓް ޔުނިޓް 3 ގެ ސްޓާފް ސާޖަޖަންޓް ޙުސެއިން ފަޟީލް ހާރޫން ހޮވުނެވެ. އެންމެ ފިޓް ޔުނިޓަކީ ސްޕެޝަލް ފޯސަސްއެވެ.

މީގެ އިތުރުން، 71 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވި 115 ދަރިވަރުންނަށް ސިފައިންގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ. އަދި ރައީސް މުޢިއްޒު ވަނީ އެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވާފައެވެ.

ޖަލްސާގައި "ހަށިހެޔޮކަމުގެ ކުލަ" މި ނަމުގައި އައު ޝަރަފުގެ ނިޝާނެއް ވެސް ތަޢާރަފުކުރެވުނެވެ. މިއީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ސިފައިންނަށް ދެވޭ ޝަރަފުގެ ނިޝާނެކެވެ.

ސިފައިންގެ ދުވަހުގެ މި ޖަލްސާއަކީ ސިފައިންގެ ޚިދުމަތުގައި ތިބި ފަރާތްތަކުގެ ހިތްވަރާއި ޤާބިލުކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝަރަފު ލިބިދޭ މުހިންމު ހަފްލާއެކެވެ.