ކުޅުދުއްފުށި ސިޓީގެ ގޯތިތަކުގެ މަގުފާރު ކައިރި ބޭރުގައި އެކި ބާވައްތަކުގެ ގަސްތައް އިންދައި، ގަސް ހެއްދުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާތީ، ވީ އެންމެ އަވަހަކަށް ގަސްތައް ނެގުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން، މި ކަމުގެ ޝަކުވާ ތަކުރާރުކޮށް ކައުންސިލަށް ދަނީ ހުށަހެޅެމުންނެވެ. އެހެންކަމުން، އިންފާރުން ބޭރު މަގުގައި ގަސް ހައްދާފައިވާ ގޯތިތަކުން ވީ އެންމެ އަވަހަކަށް އެ ގަސްތައް ނެގުމަށް އިއުލާނުގައި އަންގާފައިވެއެވެ.
އެގޮތުން، ކުޅުދުއްފުށީގެ މަގުތަކުގެ ގްރީންޒޯނާއި ގަސް އިންދުމަށް ޙާއްސްކުރެވިފައިވާ ތަންތަން ފިޔަވައި މަގުގެ އެއްވެސް ތަނެއްގައި ގަސްއިންދާ ހެއްދުމަކީ މަނާ ކަމެއްކަންވެސް އިއުލާނުގައިވެއެވެ. އަދި ގްރީންޒޯންތަކާއި ގަސް އިންދުމަށް ޙާއްސަ ކުރެވިފައިވާ ތަންތަނުގައި ގަސްއިންދުމަށް ބޭނުންވާނަމަ ކައުންސިލުން ހުއްދަ ހޯދުމަށްފަހު މަސައްކަތް ކުރިއަށް ގެންދިޔުމަށް އިލްތިމާސް ކުރެއެވެ.
ކުޅުދުއްފުށި ސިޓީއަކީ ފެހި ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމަށްޓަކައި ސިޓީ ކައުންސިލުންނާއި ރައްޔިތުން ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!