ތިލަދުންމްތީ އުތުރުބުރީ ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ކެލާ ފަޅުގައި ދެ ރިސޯޓް ތަރައްގީ ކުރުމުގެ އިތުރުން މާލެ އަތޮޅު ކާށިދޫ ފަޅުގައި ވެސް ރިސޯޓް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް، ހއ.ކެލާ ފަޅުގައި 2 ރިސޯޓު ތަރައްގީކުރުމަށް، އެ ރަށުގެ ފަޅުތެރެއިން ބިން ކަނޑައެޅުއްވުމަށް ރައީސްގެ ގަރާރަކުން ނިންމަވާފައިވަނީ މި އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުގައެވެ.

ކެލާ ރައްޔިތުން ބޭނުންވާ ގޮތަށް ހއ. ކެލާގެ ފަޅުތެރޭގައި ރިސޯޓެއް އަދި ރަށުގައި ދަނޑުވެރިވެރިކަމުގެ މަޝްރޫއެއް ހިންގަވާނެކަމުގައި ރައީސް ވިދާޅުވެފައިވަނީ ރައްޔިތުންގެ ހާލު ބެލުމަށް އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ކެލަޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްޤީކުރުމަށް އެ ރަށުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ދެ ރިސޯޓް ތަރައްގީ ކުރުމަށް ކެލާގެ ފަޅުތެރެއިން ހިއްކަން ހަމަޖެހިފައިވަނީ 156.2 ހެކްޓަރުގެ ސަރަހައްދަކާއި 169.3 ހެކްޓަރުގެ ސަރަހައްދެކެވެ.

މި ބީލަންތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހު އަދި އަންނަ މޭ މަހުގެ 6 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި މިމަހުގެ 14 ވާ ހޯމަ ދުވަހާއި އަންނަ މެއި މަހުގެ 05 ހޯމަ ދުވަހުގެ 12:00ގެ ކުރިން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އީމެއިލަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް މައުލޫމާތު ފޮނުވަންޖެހޭނެކަމަށާއި، ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ކޮށްފައިވާ އިއުލާންގައި ބުނެފައިވެއެވެ.