ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒާއި ށ. މިލަންދޫ ހޮސްޕިޓަލް ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒާއި ށ. މިލަންދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އަޙުމަދު ގާސިމް ސޮއި ކުރައްވާފައިވާއިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙުމަދު ސަޢުދީއެވެ.
450 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ނިންމަން ހަމަޖެހިފައިވާއިރު މި މަސައްކަތުގެ އަގަކީ 11،197،462.90 ރުފިޔާއެވެ.
ށ. މިލަންދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 600 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. މި މަސައްކަތުގެ އަގަކީ 110،878،732.12 ރުފިޔާއެވެ.
މަކުނުދޫ އާއި މާއުނގޫދޫގައި ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި
ނެއްލައިދޫ އަދި މިލަންދޫގެ އިތުރުން އައު އިމާރާތްތަށް އެޅުމަށް އެއްބަސްވުމުގެ ދަށުން ސޮއިކޮށް، ހަވާލުކުރެވުނު ރަށްތަކުގެ ތެރޭގައި ކ. ތުލުސްދޫ އަދި އއ ރަސްދޫގެ އިތުރުން ގއ ވިލިނގިލީ ހޮސްޕިޓަލް ހިމެނެއެވެ.
މީގެ އިތުރުން ބ. ކުޑަރިކިލު ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތާއި، ގއ. ކޮނޑޭ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތާއި އަދި ގދ. ނަޑެއްލާ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ވަނީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ. އަދި ވެލިދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތާއި އަދި އދ. ފެންފުށީ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ވަނީ އާރުޑީސީއާއި ހަވާލުކޮށްފައެވެ.
12 މާރިޗް 2025 ގައި ވަނީ އިތުރު ނުވަ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ މަސައްކަތް ތިން ކުންފުންޏަކާ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!