ތިލަދުންމަތީ އުތުރުބުރީ ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.
ކޮންމެ ރަށެށްގައިވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫހެއް އަށަގެންނެވުމަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގުއުމީ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަސައްކަތަކަށްވާއިރު، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލް އައިޑެންޓިޓީގެ އަސްލުތަކާއި އެއްގޮތަށް މި މަސައްކަތް ކުރިއަށް ގެންދިޔުމަކީ އެ ވުޒާރާގެ އަމާޒެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ހާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން މިމަހުގެ 10 ވަނަ ދުވަހުވެސް ވަނީ މި މަސައްކަތުގެ ދަށުން އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތުގެ އާބާތުރަފިލުވައި ތަރައްގީ ކުރުމަށް އާރްޑީސީއާ ހަވާލު ކޮށްފައެވެ.
ރާއްޖޭގެ ތާރީހުގައި ހިމެނިފައިވާ ގައުމިއްޔަތާއި ގުޅުންހުރި ބިނާތަކާއި އާސާރުތައް ޒަމާނާ އެއްގޮތަށް ދިރުވާ އާލާކުރުމުގެ ގައުމީ މަޝްރޫއުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!