އަހަރެމެންގެ ވެށީގެ ހިމާޔަތުގައި ކެނޑިނޭޅި ވަކާލާތު ކުރައްވާ، އެތައްބަޔަކު ރާއްޖޭގެ މި ޖަޒީރާވަންތަ ރަށްތައް އާދަޔާއި ހިލާފަށް ގިރާ ހުސްވަމުންދާތީ އެކަމާ ކަންބޮޑުވެ އެވާހަކަ ދެއްކުން މިއަދު އިތުރުވެއްޖެއެވެ.

ރާއްޖޭގެ އެންމެ އުތުރުން އޮންނަ ތުރާކުނުވެސް ދަނީ އިންތިހާއަށް ގިރަމުންނެވެ. ހޯރަފުށީ ދާއިރާގެ މެންބަރ އަޙްމަދު ސަލީމު ޓުވިޓަރގައި ހިއްސާކުރެއްވި ފޮޓޯތަކަކާއި އެކު ބުނެފައިވަނީ ތުރާކުނުގައި ގިރަމުންދާ ސަރަޙައްދުގައި ހުރި ގަސްތައް ހިމާޔަތް ކުރެވޭތޯ އެރަށުގެ ޒުވާނުން އިސްނަގައިގެން ހިތްވަރު ކުރަނީކަމަށާއި ރާއްޖޭގެ ގިނަރަށްތަކެއް އާދަޔާއި ހިލާފަށް ގިރުމުގެ ނުރައްކާލާއި ވަނީ ކުރިމަތިވެފައި ކަމަށެވެ.

Ad
mooomoo 1

ތެދެކެވެ. ސަލީމް ވަނީ މީގެ ކުރިންވެސް ހޯރަފުށި އާދަޔާއި ހިލާފަށް ގިރަމުންދާތީވެ އެކަން ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރައްވާފައެވެ. އުތުރުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ރަށް ގިރުމުގެ މައްސަލަ މިވަނީ އާދަޔާއި ހިލާފަށް ކުރިމަތިވެފައެވެ.

މީގެ އިތުރުން މަރިޔަމް ވަހީދާ ކުރައްވާފައިވާ ޓުވީޓުތަކުގައި އިންތިހާއަށް ގިރާފައިވާ މި ޖަޒީރާ ރާއްޖޭގެ ނާޒުކު ރަށެއްގެ ގޮނޑުދޮށްފެނެއެވެ.

ގިރާފައިވާ ގޮނޑުދޮށުން ބީވެގެންދާ ގަސްތައް އެ ފޮޓޯތަކުން ފެންނަން ހުއްޓެވެ. ގަސްތަކުގެ މޫތައް ދޮށުން ވެލިތައް ދޫވެ، ހިކި އަނަރޫފަ ވަމުންދާ ގަސްތަކާއި، އެގަސްތަކާއެކު ރަށް ގިރާ މަންޒަރު ދައްކުވައި ދެނީ މާޔޫސް ކުރުވަނިވި މަންޒަރެކެވެ.

މިވެއްޓާއި މި ޖަޒީރާތަކުގެ ކުރިމަގާއި، އަޅުގަނޑުމެންގެ ދަރިފަސްކޮޅުގެ ކުރިމަގަށް ވިސްނާ މީހަކު ލޮލުން ކަރުނަ އަންނަވަރުގެ ހިތް ދަތި މަންޒަރެއް އެ ފޮޓޯއިން ފެނެއެވެ.

މި ވާހަކަތައް ކިޔާމީހަކު މިވެސް ލިޔާވަރު އެއްޗެއްތޯ އަހައިފާނެއެވެ. ލިޔަންވީ މިވާހަކަތައް ނޫންތޯއެވެ؟ ސިޔާސީ ކަންކަމުގައި ޣާފިލުވެތިއްބާ މިވެށި ހަލާކުވެ، ބީވެ ދާކަން އިހުސާސް ނުވާ ބަޔަކު ތިބެދާނެއެވެ. މަރިޔަމް ވަހީދާގެ މި ފޮޓޯތަކާއި މެސެޖްތަކުން މިންވަރެއްނަމަވެސް ގެނެސްދޭން އެބަ ޖެހެއެވެ. މިވެށި އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށް ލިބިދިނުމަށް ކޮންމެވެސްބަޔަކު އެ އަޑު އުފުލަންޖެހެއެވެ.

މަރިޔަމް ވަހީދާ ފަދަ ތިމާވެށީގެ ހިމާޔަތުގައި އަޑު އުފުލާ އެންމެހާ ވެށީގެ އެކުވެރިންނާ ބައިވެރިވެ، އެ ވާހަކަތައް ލިޔުމަށް މަރިޔަމް ވަހީދާގެ ޓުވީޓުތައް ހުޅުވާލީމެވެ.

އަސްތާއެވެ! ފުރަތަމަވެސް މިއޮތީ އަޅުގަނޑުމެންގެ ނޫސްވެރިންގެ ޒިންމާގެ ވާހަކައެވެ.

‏ޑިމޮކްރަސީގައި ނޫސްވެރިކަމަކީ ޤައުމުގެ 4 ވަނަ ބާރޭ ބުނާތީއަހަން. އެކަމަކު، މީން ޒަމާނަކު ނުގިރާ ވަރަށް ރާއްޖޭގެ ވަރަށް ގިނަ ރަށްތައް ގިރައި ބޮޑެތި އެތައް ގެއްލުމެއް ވަމުންދާއިރު، ޕްރިޔަންކާމެން އާ ކާރެއްގަތީމައި އެވާހަކަ ލިޔާ ވަރަށްވެސް، ރަށްތައް ގިރާ ވާހަކަ ނޫސް ތަކުން ނުދެކެން.

މަރިޔަމް ވަހީދާކުރި ޓުވީޓެއްގައި ނޫސްވެރިންނަށް ފާޑުކިޔަމުން ބުނެފައިވެއެވެ.

މަރިޔަމް ވަހީދާގެ އިތުރު ޓުވީޓަކުންވަނީ ގަހަކަށް ދެ މަސްތެރޭ އައިސްފައިވާ ބަދަލުތައް ދައްކާލައިފައެވެ.

‏ރަށަކަށް މިވަރު ވީއިރު އަޅާނުލިޔަތީ، ދެނެހުރި ކަމަށް ނުހެދިޔަތީ، ހިރުވާތަން ކަހާވެސް ނުލިޔަތީ ދާއިރާގެ މެމްބަރަށާއި ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިބޭފުޅުން ޖަޒީރާ ހޭޝްޓެގް ޖައްސަވަން ބޮޑަށް ރަނގަޅީ ފައިވާނުގެ ދަށް

‏މަހްޖަނުންގެ ރިސޯޓުތަކަށް ދޮންމީހުން ޑޮލަރު ހިފައިގެން އަންނާތީ، އެއިން ރިސޯޓެއްގެ ގޮނޑުދޮށުން ފަޅުން އުރަފަށުން، ނާއްޓަކުންވެސް ވެލިކޮޅެއް ނެގުން މަނާ! އެކަމަކު އަހަރެމެންގެ މިހިރަ ރީތި ރަށްތައް މަހާޖައްރާފުން ސުންނާފަތި ކުރާއިރު، އެކަމާބެހޭނެ އިދާރާއެއްވެސް ހުންނަކަމަކަށް ނުވޭ

"‏އެތައް ދުވަހަކު ހިޔާ ދީފާ
ލޮލަށް ފިނިކަން އެހާ ދީފާ
ހިތަށް އުފަލާ ދިރުން ދީފާ
ވަކިވެ ތިދަނީ މަ ރޮއްވާފާ
އެހީވާން ހިތް ނިކަން އެދުނަސް
އަޅާލަން ނުހަނު ބޭނުމަކަސް
ވެވެން ހަމަ އެއްކަމެއް ނެތުމުން
ވަކިވެ ތިދަނީ މަ ރޮއްވާފާ"

" ‏މީ ޢަބުދު ﷲ އާއި އޭނާގެ ކޮއްކޮ. މިއީ އެކުދިން ދުވަހުގެ ބޮޑުބައި ހޭދަކުރާ ތަން. ވެއްޓެމުންދާ ގަސްތަކާ ގިރާ ހުސްވެފައިވާ ގޮނޑުދޮށަށް ބަލަން އެކުދިން އެތިބީ ހިތާމަޔާ ހިތްދަތިކަމާ އެކު. އެކުދިންގެ މާޔޫސްވެފައިވާ ނަޒަރު ބުނާ ކަހަލަ، އަހަރެމެން މިތަނުގައި އުޅެން ބޭނުން "

މަރިޔަމް ވަހީދާ މިބަޔާންކޮށް ދެއްވަނީ މިރާއްޖޭގެ އެތައް ރަށެއްގެ ހާލަތެވެ. މިހިސާބުން ކުރުކޮށްލާނަމަވެ.

Ad
df

ސޭވް ފައިނު ހޭޝްޓެގް ބޭނުންކުރައްވައި، މިފަދަ އެތައް ޓުވީޓެއް މަރިޔަމް ވަހީދާވަނީ ކުރައްވާފައެވެ. އެތައް އަސަރު ހުރި މެސެޖެއްވަނީ ދެއްވާފައެވެ. ވިސްނައިފި ބަޔަކަށް އިބުރަތެކެވެ.