މޯލްޑިވްސް ޑިމޮކުރެޓިކް ޕާޓީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލަށް ހޮވިވަޑައިގަތް ކައުންސިލް މެމްބަރު އަހްމަދު ރިޟްވާން ޕުރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސްއާ ގުޅިވަޑައިގެން އެޕާޓީއަށް ސޮއިކޮށްފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ ޕީޕީއެމް ހަރުގޭގައި ބޭއްވި ޖަލްސާގައި އޭނާ ވަނީ ޕީޕީއެމްއާ ގުޅުނުކަން އިޢުލާނުކޮށް، ރަމްޒީކޮށް ފޯމް ހަވާލުކޮށްފައެވެ.
ފޯމާ ހަވާލުވެލެއްވީ ޕީއެންސީގެ ރައީސް ޢަބުދުއްރަހީމް ޢަބުދުﷲ އެވެ. ސޮއިކުރި ޖަލްސާގައި ރިޟްވާން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާފައެވެ.
އިހަވަންދޫގައި މިހާތަނަށް އެމްޑީޕީގެ ކައުންސިލް މެމްބަރަކު ޕާޓީ ބަދަލުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން އިހަވަންދޫ ރަށުކައުންސިލްގެ 5 ގޮނޑި އެމްޑީޕީން ކަށަވަރުއިރު އެންމެ ގިނަ ވޯޓު ލިބިފައިވަނީ އަހްމަދު ރިޟްވާން އަށްކަން ފާހަގަ ކުރެވެއެވެ.
އަހްމަދު ރިޟްވާން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރަށުކައުންސިލަށް ވާދަކުރާނެކަން އިޢުލާނު ކުރައްވާފައިކަމަށް އިހަވަންދޫ.ކޮމްގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!