ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގަސް އިންދާ ނާސަރީ، (މަލަފެހި ނާސަރީ) ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލަައިފިއެވެ.
"ފިނިފެހި ސިޓީ" މި މަޝްރޫޢުގެ ދަށުން ދިވެހި ރެޑްކްރެސެންޓް އާއި ސިޓީ ކައުންސިލުން ގުޅިގެން މި ނާސަރީ ޤާއިމް ކޮށްފައިވަނީ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައެވެ.
މި ނާސަރީގެ މައިގަނޑު މަޤުސަދަކީ ރަށުގެ ތިމާވެށިގެ ހާލަތު ރަނގަޅުކޮށް، ގްރިންޒޯނާއި އާންމު ތަންތަނަށް ބޭނުންވާހެން އެކި އެކި ގަސް އުފައްދައި، ރަށް ޒީނަތްތެރިކުރުމާއި ރަށުން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، އަމިއްލަ ވެށީގެ ގަސްގަހާގެއްސާއި ރަށުގެ ކުޅި ހިމެނޭ ގޮތަށް އެކި ބާވަތް ތަކުގެ ގަސް އިންދުމުގެ އިތުރުން ފިނި އަދި ފެހި ސިޓީ އަކަށް ރަށް ހެދުމަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މިހާރު ފެށިފައިވާ މަސައްކަތްތަކުގެ ތެރޭގައި ކައުންސިލްގެ މަޝްރޫއުތަކަށް އަވަސް ގޮތެއްގައި ބޭނުންވަ ބާވަތުގެ ގަސްތައް އިންދުމާއި، މުވައްޒަފުން ގަހުގެ އޮށް އެއްކުރުމާއި ނާރސަރީ އޮޕަރޭޝަނަލައިޒް ކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ދިއުން ހިމެނެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގައި ކުރިއަށްދާ އަދި ކުރިއަށް އޮތްތަނުގައި ގަސް އިންދައި، ލޭންޑްސްކޭޕްކޮށް، އަދި ފިނިފެހި ސިޓީ މަޝްރޫއުއަށް ބޭނުންވާ ގަސް ނާރސަރީން ލިބޭނެގޮތް ހެދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި މަޝްރޫއުގެ ސަބަބުން ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުވައި، އިޖްތިމާއީ އަދި އިޤްތިޞާދީ ފައިދާތަކެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!