އަސްކޮއި އުމްރާ ގްރޫޕްގެ މައްސަލައެއް ސަމާލުކަމަށް އައިސްގެން ބަލަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވެފައި ވަނީ އަސްކޮއި ޖަމާޢާތުގެ މައްސަލަ ވަނީ އިސްލާމިކް ނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އެހެންވެ އެ މިނިސްޓްރީގެ ކަމާ ބެހޭ ޔުނިޓްގެ ފަރާތުން މައްސަލަ ބަލަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ. މިފަހުން ވެސް ޖަމާޢަތްތަކެއްގެ ހުއްދަ ބާޠިލްކޮށް ފިޔަވަޅުއަޅާފައިވާނެ.'' މިނިސްޓަރު ވިދާޅުވެފަވެއެވެ.
އަސްކޮއި ގްރޫޕްގެ މައްސަލަ ބަލަން ފެށިކަން އިސްލާމިކް މިނިސްޓްރީން ބުނިއިރު، އެ ގްރޫޕުން ރަމަޟާންމަހުގެ ފަހު ފަނަރައާއި ޝައްވާލްމަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް ޢުމުރާއަށް ދާން އެތައް ބަޔަކު އަތުން ފައިސާ ނެގުމަށްފަހު، އެ ދަތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ރަމަޟާން މަހުގެ 6 ވަނަ ދުވަހުގެ ރޭ މެސެޖަކުން އަންގާފައިވާކަމަށްބުނެ، ފައިސާ ދެއްކި މީހުންނާއި ޢާއިލާތަކުން އަންނަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުުކުރަމުންނެވެ.
އުމްރާއަށް ގެންދިޔުމުގެ އުސޫލާ ޚިލާފްވި 19 ކުންފުންޏަކަށް ފިޔަވަޅުއަޅަން ނިިންމައި އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީމަހު އެކަން އާންމުކޮށް ޢިއުލާންކޮށްފައެވެ. އަދި އެ ކުންފުނިތައް ވަނީ ޤަވާޢިދާ ޚިލާފްވި ނިސްބަތުން ޖޫރިމަނާކޮށްފައެވެ.
ވިދާޅުވިގޮތުގައި އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާން ގެޒެޓް ކޮށްފައިވާ އުޞޫލަށް އަމަލު ނުކުރާ ހުރިހައި ކުންފުނިތަކަށް އެ ވުޒާރާއިން ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްޓްރީން ކުރީން ވެސް ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!