ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދެވަނަ ފަހަރަށް ކާށިގެނެސް ވިއްކަން ފަށައިފިއެވެ.
ކާއްޓަކީ ކޮންމެ އަހަރެއްގައި ވެސް ރަމަޟާން މަހު އަގު މައްޗަށްދާ ބާވަތެކެވެ. ވުމާއިއެކު ރައްޔިތުންނަށް އަގުހެޔޮކޮށް ކާށި ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެސްޓީއޯއިން ވަނީ، ރަމަޟާން މަސް ފެށުމުގެ ކުރިން ކާށި އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ. އިންޑިއާއިން އެތެރެކުރި ފުރަތަމަ ބެޗުގެ ކާށި އޭރު އެސްޓީއޯއިން ވިއްކާފައިވަނީ 5 ރުފިޔާގެ މަގުންނެވެ.
އިންޑިއާއިން ރާއްޖެ ގެނައި ދެވަނަ ބެޗްގެ ކާށި މިހާރު އެސްޓީއޯ ޕީޕަލް ޗޮއިސްއިން ވިއްކަމުންދާކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. މިހާރު ކާށި ކިލޯއެއް 20 ރުފިޔާ ވިއްކާއިރު، ކާށީގެ ސައިޒަށް ބަލައި، ކާއްޓެއްގެ އަގު ޖެހޭނީ ގާތްގަނޑަކަށް 7 ރުފިޔާއާއި 9 ރުފިޔާއާ ދެމެދުގައި ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
މި ރަމަޟާން މަހުވެސް ކާށީގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. މިވަގުތު މާރުކޭޓުގައި ކާއްޓެއްގެ އަގު އުޅެނީ 40 ރުފިޔާގައެވެ.
އެސްޓީއޯއިން ވަނީ ރޯދައަށް ހާއްސަކޮށްގެން ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކޮށްފައެވެ. އޭގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ، ބިސް، އަލުވި، ކާށި އަދި ލުނބޯ ހިމެނެއެވެ. މީގެ އިތުރުން ތާޒާ ތަރުކާރިއާ މޭވާ އާއި ތައްޔާރީ ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެތިވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!