" ތިބުނީ.؟ ނުވިސްނުނު.."
" މިބުނީ ކިތަންމެ ހިތް އެދުނަސް ، އެކަން ނުވެދާނެތީ ބިރުން، ސިއްރުކުރާ ކަންތައްތައްވެސް ހުންނާނެޔޭ." ޒައިދް ބުނެލީ ޖެހިލުންވެ ހުރެއެވެ.
ޒައިދް އެހެން ބުނުމާއެކު އަނޫޫޝާ ތުނބުކޮޅުން ހީލިއެވެ.
" ކީއްވެތަ އަނޫއަށް ތި ހެވެނީ؟" ހެވިފައި ހުރެ ޒައިދް އެހިއެވެ.
" ތި ބުނި އެއްޗަކުން މި ހެވެނީ. ޒައިދް ކަހަލަ މޮޅު މީހަކު، އެހާ ފަސްޖެހޭނެ ކަމަކަށް ހިއެއް ނުކުރަން. ކްލާހުގައި ވެސް ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ އިސްނަގާމީހާ، މިއަދު ތި ދައްކާ ވާހަކައިން ހަމަ ހައިރާންވީ. ހާދަ ފިނޑިއޭ ދޯ އެހެންވީމަ." އަނޫޝާ ބުނެލީ ސަމާސާ ރާގެއްގައެވެ.
" އަނޫ! " ޒައިދްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
އެއާއެކު އަނޫޝާގެ ލޮލުން ހައިރާންކަން ފާޅުވާން ފެށިއެވެ.
" ފިނޑިއެކޭ ނުބުނައްޗޭ! ދެ އަހަރު ވަންދެން އަހަރެން އެ ވާހަކަ ސިއްރުކުރީ ދެ ވަނަ ދެ މީހަކަށް ނޫނޭ. އަނޫއަށޭ ސިއްރުކުރީ." ޒައިދްއަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.
ޒައިދްގެ ޖުމްލައިން އަނޫޝާގެ މޫނުމަތީގެ ކުލަވަރު ބަދަލު ކޮށްލާކަށް އެންމެ ސިކުންތެއް ވެސް ނުނެގިއެވެ. ދެ ލޯ ކުޑަކޮށްގެން ޒައިދް އާއި ދިމާލަށް ބަލަން ހުރި އިރު، އޭނާގެ ފަން އިސްތަށިގަނޑު، މޫނުމަތީގައި ފިރުމަމުންދާކަމުގެ އިޙްސާސް ވެސް އޭނާއަށް ނުވާ ކަހަލައެވެ.
" ކޮން ވާހަކައެއް؟ ކީއްވެ އަހަރެންގާތު؟ "
އަނޫޝާގެ އަޑު ހިނދިގެން ދިޔައީ ދުވަހަކުވެސް އެފަދަ ގޮތަކަށް މީގެ ކުރިން އެއްވެސް ފިރެހެން ކުއްޖަކު އޭނާއާ ވާހަކަ ދައްކާފައި ނުވާތީއެވެ. ހައިރާންވެފައި ހުރި އަނޫޝާގެ މޫނަށް އޭރު ވެސް ޒައިދް ބަލަމުން ދިޔައީ ކަޅި ޖަހައިނުލައެވެ.
" ވަކިވުމުގެ ކުރިންވެސް، ބުނެލާހިތްވޭ. އެކަމަކު... "
އެހެން ބުނެ ޒައިދްއަށް އިސްޖަހާލެވުނީ އަނޫޝާ ދެކެ އޭނާ ވާ ލޯބި ހާމަ ކުރަން ހަމަ ނުކެރިގެންނެވެ. އަނޫޝާގެ ކުރިމަތީގައި ފިނޑިވާން ބޭނުން ނުވި ނަމަވެސް، އޭނާއަކަށް އެ ހިތްވަރެއް ނުލިބުނެވެ.
" އަނޫޝާ. އަވަހަށް އާދޭ ދަރިފުޅާ! "
ދުރުގައި ހުރި ވަފީގެ އަޑަށް އަނޫޝާގެ އިތުރަށް ޒައިދްއަށް ވެސް އެ ދިމާލަށް ބަލައިލެވުނެވެ. ބައްޕަގެ މޫނުމަތިން ހާސްކަން ފެނުމާއެކު، އަނޫޝާއަށް އަވަސް އަވަހަށް އެ ދިމާލަށް ދުއްވައިގަނެވުނެވެ. އޭރު ވެސް ޒައިދް ދެއްކި ވާހަކަތަކުން އޭނާގެ ސިކުނޑި އޮތީ ހަރާބު ވެފައެވެ. ދުވަމުން ވެސް އޭނާއަށް ފަހަތް ބަލައިލެވުނެވެ.
" ބޯޓު ވާ މޮހާލީމަ މި ގޮވީ. ކާކާތަ ވާހަކަ ދައްކަން ތި ހުރީ؟" ވަފީ ސުވާލު ކުރިއެވެ. ނަމަވެސް ޖަވާބު ދިނުމެއް ނެތި އަނޫޝާ ޒައިދް ހުރި ދިމާލަށް އަނެއްކާ ވެސް ބަލައިލިއެވެ.
ޒައިދްގެ ވާހަކަތަކުން އަނޫޝާގެ ހިތަށް ގޮތްތަކެއް ވާކަން ހުދު އޭނާއަށް ވެސް އިހްސާސް ކުރެވިއްޖެއެވެ.
" އަނހާ.. ކީއްވެތަ ތި ހުންނަނީ؟ އާދެބަލަ އަވަހަށް އެތެރެއަށް. ތަންމަތި ބޮނޑި މޮހައިލައިފައި އެ ފަތުރަން ވެސް ޖެހޭނެއެއްނު." ވަފީ ބުނެލީ ތަންކޮޅެއް ބާރަށެވެ.
ބައްޕަގެ އަޑުން އޭނާ ހިތްހަމަ ނުޖެހިފައި ހުރިކަން އަނޫޝާއަށް އެނގުނެވެ. އެހެންވެ އިތުރަށް މަޑުނުކޮށް އޭނާ ބައްޕަގެ ފަހަތުން ހިނގައިގަތެވެ. ބޯޓުގެ ހިޔާކޮއްފައިވާ ބަޔަށް ވަންނަން ދަމުން އެންމެ ފަހު ފަހަރަށް ޒައިދްއާ ދިމާލަށް އަނޫޝާ ބަލައިލިއެވެ. އެ ވަގުތު ޒައިދް އަވަސް އަވަހަށް އޭނާގެ މޭގައި އަތް ޖައްސާލަމުން އަނޫޝާއަށް އިނގިލި ދިއްކޮށްލިއެވެ.
އެއާއެކު އަނޫޝާގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ހިތުގައި އޮތް ޝައްކު ޔަގީން ކުރެވުނީ ދެނެވެ. އޭރު ބޯޓު ދުރުކޮށްފިއެވެ. ހިތަށް ލިބުނު ހައިރާންކަމާއެކު ވެސް އަނޫޝާއަށް ހިނިތުންވެވުނެވެ. ނަމަވެސް އޭރު ލޯ މަތިން ޒައިދް ގެއްލިއްޖެއެވެ. ބޯޓު، އެހެން ބޯޓަކާ ނިވާވީއެވެ. ބޯ އަރިކޮށްފައިވެސް ޒައިދް ފެނޭތޯ އޭނާ ބެލިއެވެ. ނަމަވެސް އިތުރަށް ޒައިދް ހޯދަން މަޑު ނުކުރެވުނީ އަނެއްކާ ވެސް ބައްޕަގެ ބާރު އަޑު އިވުމުންނެވެ.
މޫސުން ރީތި ދުވަހެއް ކަމުން، ކަނޑު އެހާމެ މަޑެވެ. އިރު އޮއްސުމާއެކު، ތާޒާ ވައިގެ ތެރެއަށް އަނޫޝާ ނިކުމެލިއެވެ. ބޯޓުގެ ވަށައިގެން ހަރުކޮށްފައި ހުރި ދަގަނޑުތަކުގައި އަތް އަޅުވާލުމަށްފަހު، ބޭރަށް ދެ ފައި ބާލައިގެން އޭނާ އިށީނދެލިއެވެ. އޭރު ވެސް ޒައިދްގެ ތަސްވީރު ދިޔައީ ހިތުގައި ކުރެހެމުންނެވެ.
" އެންމެ ފަހު ވަގުތު އަހަންނަށް ތި ދިނީ ހާދަ ބޮޑު އަނިޔާއެކޭ." އަނޫޝާއަށް ހިތާހިތާ ބުނެލެވުނެވެ.
ޒައިދް އޭނާދެކެ ވާ ލޯބި ހާމަ ކުރަން ނެގީ އެންމެ ސިކުންތެކެވެ. އެ ހިސާބުން އެ ސޫރަ އޭނާއަށް ގެއްލުނީއެވެ. އަލުން ބައްދަލްވާނެ ބާވައޭ ހިތާހިތާ އޭނާ ސުވާލު ކުރަމުން ދިޔައެވެ.
ދެ އަހަރު ދުވަހަށްފަހު، އެނބުރި ރަށަށް އާދެވުމުން އަރޫޝާ އުފާވީ އެންމެ ސަބަބަކަށްޓަކައެވެ. ލޯބިވާ މަންމައާއި ބައްޕަ އަދި ކޮއްކޮ ފެންނާނެތީއެވެ.
" މަންމަ މި ހުންނަނީ ހަމަ ދަރިފުޅު ނައިސްގެން. ލާރި ހޯދަން މި ރަށު މީހުން ނުކުރާކަށް ކަމެއް ނެތް. އަވަށު ކުންޏަށް ގޮސް، ގެވަޅުތައް ސާފުކުރަން ގޮސް އެ ގޮތް މި ގޮތުން ވެސް ފައިސާ ހޯދުމުގައި. މަންމައަށް ދާން ނުކެރެނީ އިފާޝާ ގޭގައި އެކަނި އިންނާތީވެ. ބޮޑުވަމުން އަންނަ އަންހެން ކުއްޖެއްވީމަ، ބިރު ގަންނަނީ. " އަނޫޝާގެ މަންމަ ރާމިޒާ ބުންޏެވެ.
މަންމަގެ ވާހަކަތައް އަޑުއަހަން އިން އަނޫޝާ މަޑުމަޑުން ބޯ ޖަހާލިއެވެ.
" ކޮބާތަ މިހާރު އިފާޝާ؟ އަހަރެން ހީކުރީ ބޯޓު ކައިރިއަށް ދާނެކަމަށް."
ވަރުބަލި ކަމާއެކު އަނޫޝާ ބުންޏެވެ.
" މިހިރަ އައީނު. ދޮންތަ ބަލައިދާން ވެގެން ރީތިވާށޭ ކިޔާފައި ވަނީ. ދަރިފުޅު ހާދަ ނަލައޭ" ރާމިޒާ ބުނެލީ ނުހަނު ލޯބިންނެވެ.
އަނޫޝާދެކެވާ ލޯތްބަށްވުރެ ބޮޑަށް މަންމަ، އިފާޝާދެކެ ލޯބިވާކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެކަމާ އެއްވެސް ޝަކުވާއެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ސަބަބަކީ ހުދު އޭނާވެސް ކޮއްކޮދެކެ އިންތިހާއަށް ލޯބިވާތީއެވެ.
" މާދަމާ އަހަރެންގެ 15 ވަނަ އުފަންދުވަސްކަން ދޮންތަ ހަނދާން އެބަހުރިތަ؟ ހަދިޔާއެއް ގެނައިންތަ؟"
އިފާޝާ އެހެން ބުނެލީ އަނޫޝާ ކައިރީގައި އިށީނދެ، އޭނާގެ ކޮނޑުގައި ބޯ އަޅާލަމުންނެވެ.
" ތި ބުނީ މާދަމާއެއްނު. މާދަމާގެ ވާހަކަ މިއަދު ދައްކާނެ ކަމެއް ނެތޭ. ހަދިޔާއެއް ލިބޭނެކަމަށް ބަލަމާ. "
އަނޫޝާ އެހެން ބުނުމާއެކު، ރާމިޒާ ހީލަމުން ތެދުވެ ބޭރަށް ނިކުންނަން ހިނގައިގަތެވެ.
" ނަސީބެއް ދޮންތަ އައިކަން. މަންމަ އަބަދު ހުންނަނީ އަހަރެން ގޭގައި ބަންދުކޮއްފަ. އެއްވެސް ތަނަކަށް ނުފޮނުވާ. ވަރަށް ފޫހިވޭ! "
ކުޑަކުއްޖަކު ފަދައިން އިފާޝާ އެހެން ބުނެލީ ކޮޓަރިން ނުކުމެގެން ދިޔަ ރާމިޒާ އާއި ދިމާއަށް ބަލައިލަމުންނެވެ.
" ދޮންތަ އައީމަ ހީ ނުކުރައްޗޭ މިނިވަންކަން ލިބޭނެޔޭ. ދޮންތައަދި މަންމައަށް ވުރެ މާ ހަރުކަށިވާނެ. ހީކުރާ ގޮތްދޯ ؟" އަނޫޝާ ބުންޏެވެ.
އެއާއެކު އިފާޝާ އަނޫޝާގެ ގައިގައި ދެ އަތުން ތަޅައިގަތީ ބާރުބާރަށް ހެމުންނެވެ.
"އައްދޯތް ކޮއްކޯ. ދެން ދޭ ބޭރުގައި މަޑުކުރޭ ދޮންތަ ފެންވަރައިގެން ނިކުންނަންދެން. އެއްވެސް ތަނަކަށް ނުދާތި." އަރޫޝާ ބުނެލީ ހަރުކަށި ގޮތަކަށެވެ.
މޫނަށް ވައްތަރެއް ޖައްސާލަމުން އިފާޝާ ނިކުތުމާއެކު އަނޫޝާ ދޮރު ލެއްޕިއެވެ. އޭރުވެސް ސިކުނޑީގެ ތަންކޮޅަކުން އޭނާއަށް އުނދަގޫ ކުރަމުން ދާ ކަހަލައެވެ. ޒައިދްގެ އިޝާރާތް ލޯ ކުރިމަތިން ސިފަވާވަރުން އޭނާއަށް އުނދަގޫ ވަމުން ދިޔައެވެ. ދޮރުފަތުގައި ލެނގިލަމުން އަނޫޝާއަށް ދެ ލޯ މަރައިލެވުނެވެ.
"ޒައިދްގެ އެ އިޝާރާތަކީ... އާނ. އަހަންނަށް ހަމަ ޔަގީން. އޭނަ އެ ބުނީ އަހަރެންދެކެ ލޯބިވާ ވާހަކަ. އެ ދެ ލޮލުން އަހަންނަށް އެކަމަށް ހެކިދިން. އަހަރެންގެ ހިތް ދޮގެއް ނުބުނާނެ. އަހަންނަށް ޒައިދްގެ ލޯބި އިހްސާސް ކުރެވިއްޖެ." އަރޫޝާއަށް ބުނެވުނެވެ
މަޑުމަޑުން އޭނާއަށް ލޯ ހުޅުވާލެވުނު އިރު ލޮލުގެ ތެރެއިން ކަރުނައިގެ ރޮނގެއް ފޭދިއްޖެއެވެ. އަތުގެ އިނގިލިތަކުން ކޮލުގައި އަތް ޖައްސާލުމަށްފަހު އޭނާއަށް ބަލައިލެވުނެވެ.
" އާހް. ޒައިދްގެ އެންމެ އިޝާރާތަކުން އަހަންނަށް ހަމަ މި ވަރު ވާންޖެހޭތަ؟ ދުވަހަކު ވެސް ޒައިދް ދެން ފެންނާނެ ކަމެއް ނޭނގެ. ދިމާވާނެ ތަނެއް ވެސް ނޭނގެ. އޭނަގެ ރަށެއް ވެސް ނޭނގެ." އަނޫޝާއަށް ބުނެވުނެވެ.
އަރޫޝާގެ ހިތަށް ވާ އުނދަގޫތަކުން މިންޖުވާން އޭނާ ބޭނުންވިއެވެ. ޒައިދްގެ ތަސްވީރު ހިތުން ފުހެލަން އިންތިހާއަށް ބޭނުން ވެއްޖެއެވެ. ޒައިދް މަތިން ހަނދާންކޮށްގެން އިތުރަށް އޭނާއަށް ލިބޭނީ ވޭނާއި ތަކްލީފްކަން ހުދު އަނޫޝާއަށް ވެސް ގަބޫލު ކުރެވުނެވެ.
ޝިކާ ހުރީ ލޯގަނޑު ކުރިމަތީގައެވެ. މޫނުމަތިން ފެންނަނީ ފޫހިކަމުގެ އަސަރުތަކެވެ. އަނޫޝާ ދިޔަ ފަހުން އޭނާގެ ހަޔާތަށް ފަޅުކަން ވެރިވެއްޖެކަން ހުދު އޭނާ ވެސް ގަބޫލު ކުރެއެވެ. އިސްތަށިގަނޑުގައި ފުނާ ހާކާލަ،ހާކާލާ ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ތުންފަތުގައި ލިޕްސްޓިކް ޖައްސާލުމަށްފަހު، ޝިކާ ތައްޔާރުވެލީ ބޭރަށް ދާށެވެ. އަތް ދަބަސް ނަގައި ކޮނޑުގައި އަޅުވާލުމަށްފަހު، އޭނާ ބާރުބާރަށް ގެއިން ނިކުތެވެ.
" ހުއް. މި މާލޭގެ މަގުމަތީ ހިނގާލުމަށް ވުރެ، އަރާމުވާނެ ގޭގައި އޮތަސް.. އޫފް! ފޫހިވެގެން ވެސް ނޯންނާނެ ނިކުމެލެވޭކަށް."
ކާރޫބާރޫ ބޮޑު މަގުތައް ފެނި، ޝިކާއަށް ހުއްޓެވުނެވެ. ދުވާރުމަތިން ހިނގާފައި ދާއިރު، ބައެއް މީހުން އައިސް ކޮނޑުގައި ޖެހިގަންނާތީ، ޝިކާ ހުރީ ނުހަނު ބޮޑަށް ރުޅިވެސް ގަދަވެފައެވެ.
" ޕިސް ޕިސް.. އަޅެ މި މީހުންނަށް ނުދެވެނީތަ ހަމަ ގައިގައި ޖެހިނުލާ! ނުވާނެ މިވަރަކުންނެއް. ގެއަށް ދާންވީދެން. ވަރަށް ފޫހި." ޝިކާއަށް ކުދި ކިޔެން ފެށުނެވެ.
ދެއަތުން އިސްތަށިގަނޑު ރީތިކޮށްލަމުން އަވަސް އަވަހަށް ޝިކާ އައިކޮޅަށް މިސްރާބުޖެހީ ގެއަށް ދިޔުމަށްޓަކައެވެ. ރުޅި އައިސްފައި ހުރި ވަރުން މަގުމަތީގައި އެއްޗެހި ދުއްވާކަން ވެސް ހިނދުކޮޅަކަށް އޭނާ ހަނދާންނެތުނު ކަހަލައެވެ.
ކުއްލިއަކަށް ޝިކާ ސިހުނީ ބާރު ދުވެލީގައި އައި ކާރު ފެނުމުންނެވެ. މަގުގެ މެދެއްހާ ހިސާބުގައި ހުރި ޝިކާގެ ބޮލަށް އެނބުރުން އަރާކަށް މާ ގިނަ ވަގުތުތަކެއް ނުނެގިއެވެ. ކާރު ބުރެކި ޖައްސާލި އިރު، ޝިކާ އޮތީ ވެއްޓިފައެވެ.
އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން، އެ ތަނަށް ޖަމާވެއްޖެއެވެ. ކާރުގައި އިން ޒުވާނާ ވެސް މީހުންތައް ފޭ ކުރަމުން ގޮސް ވެއްޓިފައި އޮތް ޝިކާ ކައިރިއަށް ދިޔައެވެ.
" މި ކުއްޖާ ހޭވެރިކަމެއް ނެތް. އަވަހަށް ހޮސްޕިޓަލަށް ގެންދަމާ " މީހަކު ބާރުބާރަށް ބުންޏެވެ.
އެއްވެފައި ތިބި މީހުން ހާސްކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ. މީހުންގެ ވާހަކަތަކަށް ރައްދު ދިނުމެއް ނެތި ކާރުތެރެއިން ނިކުތް ޒުވާނާ، ލަސްނުކޮށް އޭނާގެ އަތްދަނޑިމަތީގައި ޝިކާ ގެންގޮސް ކާރަށް އަރުވައިފިއެވެ.
އަރާމު ނިންޖަކުން ހޭލެވުނު ފަދައިން ޝިކާއަށް މަޑުމަޑުން ދެ ލޯ ހުޅުވައިލެވުނެވެ. ފުރަތަމަ ވެސް އޭނާއަށް ފެނުނީ ރީތި ކުދި ބޮކިތައް ދިއްލާފައި އޮތް ސީލިންގެވެ. މައްޗަށް ބަލަހައްޓައިގެން އިރުކޮޅަކު ޝިކާއަށް އޮވެވުނެވެ. އެއާއެކު އޭނާގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. ގައިމަތީގައި އަޅާފައި އޮތް މަޑުމަޑު ބްލޭންކެޓް ހޫރާލަމުން އޭނާ ފުންމައިގެން ތެދުވިއެވެ. އެއާއެކު އޭނާއަށް ވަށައިގެން މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލެވުނެވެ.
އޭނާއަށް ހުރެވުނީ، މުއްސަނދިކަމުން ފުރިގެންވާ، ޝާހީ ގަނޑުވަރެއްފަދަ ކޮޓަރިއެއްގައެވެ. މީގެ ކުރިން ދުވަހަކު ވެސް އޭނާ ދެކެފައި ނުވާ ފަދަ ރީތި ކޮޓަރިއެކެވެ. ލަސް ފިޔަވަޅުތަކެއްގައި އެ ބޮޑު ކޮޓަރީގައި ހިނގަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ އަލަމާރީގެ ބޮޑު ލޯގަނޑެވެ. އެ ވަގުތު މޭމަތީގައި ދެ އަތް ހުރަސްކޮށްލެވުނީ، އޭނާ ކުރިން ލައިފައިވާ ހެދުން ބަދަލު ވެފައިވާކަން އެނގުމުންނެވެ. މިހާރު އޭނާގެ ގައިގައި އޮތީ ފިރެހެނެއްގެ ބޮޑު ގަމީހެކެވެ. އެއާއެކު އަނެއްކާ ވެސް އޭނާގެ ހިތަށް ބިރުވެރިކަން ވަދެ، ވަހުމްތަކުން ހިތް ފުރާލައިފިއެވެ. ޝައްކުގެ ނަޒަރުން އެކި ދިމަދިމާއަށް ބެލެންފެށީ، އޭނާއަށް ހުރެވުނީ ކޮންތަނެއްގައި ކަމެއްވެސް ނޭނގޭތީއެވެ.
" މިހާރު ރަނގަޅުތަ؟ "
ސިއްސައިގެން ގޮސް، ޝިކާއަށް އެނބުރެލެވުނީ އަޑު އައި ދިމާއަށެވެ. އެ ވަގުތު އޭނާއަށް ފަހަތަށް ޖެހެވެން ފެށިއެވެ. ހިތުގައި އުފެދިފައި އޮތް ބިރުވެރިކަން ދެ ގުނައަށް އިތުރުވެގެން ދިޔައެވެ.
އޭނާގެ ކުރިމަތީގައި ހުރީ ނުދަންނަ ޒުވާން ފިރެހެނެކެވެ. ފަރުވާތެރިކަމާއެކު ޝިކާއަށް އޭނާއަށް ބަލައިލެވުނެވެ. އެ ޒުވާނާ ލައިފައި ހުރީ ލިނަން ފޮތީގެ ހުދުކުލައިގެ ދޫ ހަރުވާޅެކެވެ. އޭނާގެ މޫނުމަތީގައި ވަނީ ސާދާކަމެވެ. ޝިކާ ބަލަހައްޓައިގެން ހުއްޓާ، އަތުގައި އޮތް ތުވާލިން ބޯ ހިއްކަމުން އައިސް އޭނާ ހުއްޓުނީ އަލަމާރި ކައިރީގައެވެ.
" އަ...އަހަރެންގެ ހެދުން؟ " ޝިކާއަށް ފުރަތަމަ ވެސް ސުވާލު ކުރެވުނީ ހެދުން ބަދަަލުވެފައި ވާތީއެވެ.
ޝިކާގެ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ދިނުމެއް ނެތި، އޭނާ އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އަދި ކަޅުކުލައިގެ ޓީޝާޓެއް ނަގައި ގަޔަށް މަހާލިއެވެ.
" އަހަރެން މި ތަނަށް ގެނެސް ކީއްކުރީ؟ އަހަރެން ލައިގެން ހުރި ހެދުން ކޮބާ؟ ކީއްވެ އަހަރެންގެ ހެދުން ބަދަލުވީ؟" ޝިކާ ބުންޏެވެ.
ބިރުން ހުރި ނަމަވެސް، ފިރެހެނެއްގެ ކުރިމަތީގައި ނިކަމެތިކަމުގެ ފިޔަގަނޑު ހުޅުވާލާކަށް އޭނާ ބޭނުމެއް ނުވިއެވެ. ގަދަކަން ދެއްކޭތޯ އޭނާ ވާހަކަ ދެއްކީ ރުޅި އައިސް ހުރެއެވެ. ނަމަވެސް އޭރު ވެސް ޝިކާގެ ހިތް އޮތީ ބިރުން ވިރިވިރިއެވެ.
" ޝިކާ އަކަށް ކަންތައް ވީ ގޮތެއް ހަމަ ނޭނގޭތަ؟" ޒުވާނާ ސުވާލުކޮށްލީ އާދައިގެ ރާގެއްގައެވެ.
" އަހަރެންގެ ނަން ވެސް އެނގޭތަ؟" ދެބުމައިގައި ގޮށްޖަހައިގެން ހުރެ ޝިކާ ސުވާލު ކުރިއެވެ.
ޝިކާގެ ރާގުގައި ރުޅިވެރިކަން އެކުލެވިފައި ހުއްޓަސް، އޭނާ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. އޭނާ ގޮސް ޑްރެސިން ޓޭބަލް ކައިރީ ހުއްޓި، ބޮލުގައި ޖެލް ލާން ފެށިއެވެ. ބާރުބާރަށް ހިނގާފައި ގޮސް ޝިކާ އޭނާގެ ފަހަތުގައި ހުއްޓެމުން އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން އެކްސިޑެންޓްވިކަން އަހަންނަށް އެނގޭ. ދެން ކާކު އަހަރެން މި ތަނަށް ގެނައީ؟ އަހަރެން ހޮސްޕިޓަލަށް ނުގެންދިޔައީ ކީއްވެ؟ ތިއީ ކާކު؟" ސިކުނޑިއަށް ޖަމާވަމުންދާ ސުވާލުތައް އެއްފަހަރާ ކަހަލަ ގޮތަކަށް ޝިކާ ދޫކޮށްލިއެވެ.
އޭރު އެ ޒުވާނާ ދެ ފަރާތަށް ބޯ ހޫރަމުން ދިޔައީ ހިނިތުންވެ ހުރެއެވެ.
" ޝިކާ ވެއްޓުނީ އަހަރެންގެ ކާރުގައި ޖެހިފައެއް ނޫނޭ. އަހަންނަށް ޔަގީން ނުޖެހޭކަން. އޭގެ ކުރިން ބިރުން ކަންނޭނގެ ޝިކާ އަނބުރައިގަތީ. އެހެންވެ އަހަރެން ޝިކާ މި ގެއަށް ގެނައީ. ޝިކާގެ ހެދުމުގައި ކިސަޑު ކަހަލަ އެއްޗެއް ޖެހިފައި ހުރީމަ ހެދުން ބަދަލު ކޮށްލީ." އޭނާ ބުންޏެވެ.
އެއާއެކު ޝިކާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އަނެއްކާ ވެސް އޭނާއަށް ބަލައިލެވުނީ އަމިއްލަ ހަށިގަނޑަށެވެ.
" ޔީ... ހެހެދުން... ބަދަލުކޮށްލީއޭ؟" ޝިކާއަށް ބުނެވުނީ ބާރުބާރަށެވެ.
( ނުނިމޭ)
* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!